Advertisement

އެންމެ އަގުބޮޑު އިނގިރޭސި ގޯލްކީޕަރުގެ ގޮތުގައި ޓްރަފޯޑް ސިޓީ އަށް

30 ޖުލައި 2025 - 07:32 0


އެންމެ އަގުބޮޑު އިނގިރޭސި ގޯލްކީޕަރުގެ ގޮތުގައި ޓްރަފޯޑް ސިޓީ އަށް

30 ޖުލައި 2025 - 07:32 0

މެންޗެސްޓާ (ޖުލައި 30) - އެންމެ އަގުބޮޑު އިނގިރޭސި ގޯލްކީޕަރުގެ ގޮތުގައި، ބާންލީ އަށް ކުޅެމުން އަންނަ ޖޭމްސް ޓްރަފޯޑް، މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.

ޓްރަފޯޑް، 22، ޔޫތު ކެރިއަރު ހޭދަކުރީ ސިޓީގަ އެވެ. ސިޓީން މީގެ ދެ އަހަރު ކުރިން، ބާންލީ އަށް 18 މިލިއަން ޑޮލަރަށް ޓްރަފޯޑް ވިއްކާލީ، ކުރިއަށް އޮތްތަނުގައި، ސިޓީން ބޭނުންނަމަ، ވަކި ފީ އެއް ދީގެން އޭނާ އަލުން ގަނެވޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނައިގެންނެވެ. އެ ގޮތުން، ކޮންޓްރެކްޓްގެ އެ މާއްދާގެ ބޭނުންހިފައި، ސިޓީން އަލުން ޓްރަފޯޑް ގަތީ، ޖުމްލަ އެކު، 35 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.

މިއާ އެކު، އިންގްލެންޑްގެ ޒުވާން ޓީމުތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކީޕަރު، ޓްރަފޯޑް ވެގެން ގޮސްފައިވަނީ، އިނގިރޭސި އެންމެ އަގުބޮޑު ގޯލްކީޕަރަށެވެ. މީގެ ކުރިން، އެންމެ އަގުބޮޑު އިނގިރޭސި ކީޕަރުގެ ގޮތުގައި އޮތީ، 2017 ވަނަ އަހަރު 30 މިލިއަން ޑޮލަރުގެ ފީ އަކަށް އެވަޓަން އިން ގަތް ސަންޑަލެންޑްގައި އޭރު ހުރި ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް އެވެ.

ޓްރަފޯޑަކީ މިދިޔަ ސީޒަނުގައި އިނގިރޭސި ހުރިހާ ޑިވިޝަނެއްގެ ފުޓްބޯޅަ އަށް ބެލިކަމުގައި ވިޔަސް އެންމެ ފޯމުގައި ހުރި އެއް ގޯލުކީޕަރެވެ. އޭނާ ވަނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި، ބާންލީން ކުުޅުނު 45 މެޗުގެ ތެރެއިން 29 މެޗުގައި ކޮޅަށް ގޯލެއް ވަަނަނުދީ މެޗު ފުރިހަަމަކޮށްފަ އެވެ.

ސިޓީއާ އެކު، ޓްރަފޯޑް، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، މި ފަހަރުގެ ޓްރާންސްފާގައި އެހެން ޓީމުތަކުން ވެސް ޓްރަފޯޑަށް ހުށަހެޅުންތަކެއް ލިބުނެވެ. އެކަމަކު، އޭނާ ނިންމީ އަލުން ސިޓީއާ ގުޅެން ލިބުނު ފުރުސަތާ އެކު ކުރިއަށްދިިއުމަށެވެ.