30 ޖުލައި 2025 - 09:12 6
ހަސަން މުހައްމަދު
މިނިސްޓަރު ޝަހީމް: ވަޑައިގަންނަވަން އުޅުއްވީ ފަލަސްތީނުގެ މައްސަލައިގައި އދ. އިން ބޭއްވި ކޮންފަރެންސަކަށް -- ފޮޓޯ: އަދަދު ފައިލް
30 ޖުލައި 2025 - 09:12 6
އެމެރިކާގައި ބޭއްވި މުހިންމު ކޮންފަރެންސެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރަން ވަޑައިގަތުމަށް ވިސާއަށް އެދިވަޑައިގަތުމުން އެމެރިކާއިން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމުގެ ވިސާ އެޕްލިކޭޝަން ރިޖެކްޓުކޮށްފި އެވެ.
ޝަހީމް ވަޑައިގަންނަވަން އުޅުއްވީ ފަލަސްތީނު-އިޒްރޭލު މައްސަލައިގައި މަޝްވަރާ ކުރަން އދ. ގެ ފަރާތުން ބޭއްވި ކޮންފަރެންސަކަށެވެ. އެއީ "ހައި-ލެވެލް ކޮންފަރެންސް އޮން ޓޫ ސްޓޭޓް ސޮލިއުޝަން ފޯ އިޒްރޭލް އެންޑް ފަލަސްތީން" އެވެ.
އިތުބާރު ކުރެވޭ ދެ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އެމެރިކާއަށް ވަޑައިގެންނެވުމަށްޓަކައި ސްރީ ލަންކާގައި ހުންނަ އެމްބަސީއަށް ޝަހީމް އެޕްލިކޭޝަން ހުށަހެޅުމުން ރިޖެކްޓުކޮށްފައިވާ ކަމަށެވެ. އެޕްލިކޭޝަން ރިޖެކްޓު ކުރި ސަބަބެއް އެމްބަސީ އިން ޝަހީމަށް ވެސް އަންގާފައެއް ނުވެ އެވެ.
މިނިސްޓަރު ޝަހީމް ފޯނު ނުނަންގަވާތީ އޭނާގެ ކޮމެންޓެއް މި ހަބަރަކަށް ނުލިބުނެވެ.
އެމެރިކާއިން ވިސާ ދޫކުރުމުގައި އަމަލު ކުރާ ގޮތުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ، ލިޔެކިޔުން ނުވަތަ މައުލޫމާތު ހަމަނުވުން ފަދަ ކަމެއް ދިމާވެގެން ވިސާ އެޕްލިކޭޝަން ރިޖެކްޓު ކުރާ ނަމަ އެމްބަސީ އިން ސަބަބު އަންގަފާނެ ކަމަށެވެ.
ރިޖެކްޓު ކުރި ސަބަބު ނާންގައި ވިސާ އެޕްލިކޭޝަން ރިޖެކްޓުކޮށްފި ނަމަ އޭގެ ފަހަތުގައި ބައިވަރު ސަބަބު ހިމެނިދާނެ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި އެމެރިކާއިން މޮނީޓާ ކުރާ ލިސްޓެއްގައި ނަން އޮތުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ ވިސާއަށް ހުށަހަޅާއިރު ސޯޝަލް މީޑިއާ އެކައުންޓުތައް އެންމެނަށް ވެސް ފެންނަ ގޮތަށް ބަހައްޓަން މިދިޔަ ޖޫން މަހުން ފެށިގެން ވަނީ ލާޒިމުކޮށްފަ އެވެ. މިނިސްޓަރު ޝަހީމް ގެންގުޅުއްވާ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓެއް ހުރީ ޕަބްލިކުކޮށް ފެންނަ ގޮތަށް ކަމެއް ނޭނގެ އެވެ.
Comment