Advertisement

ސިޓީން ކިޔާ އަގަށް ގްރީލިޝް ގަންނާނެ ބަޔަކު ނުވި

29 ޖުލައި 2025 - 08:34 0


ސިޓީން ކިޔާ އަގަށް ގްރީލިޝް ގަންނާނެ ބަޔަކު ނުވި

29 ޖުލައި 2025 - 08:34 0

މެންޗެސްޓާ (ޖުލައި 29) - މެންޗެސްޓާ ސިޓީން އިނގިރޭސި މިޑްފީލްޑަރު، ޖެކް ގްރީލިޝް ގަންނަން ކިޔާ އަގަށް ގަންނާނެ ކްލަބެއް ނުވުމުން، އޭނާ ލޯން އުސޫލުން ދޫކޮށްލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގްރީލިޝް، 29، މީގެ ހަތަރު އަަހަރުކުރިން، 2021 ވަނަ އަހަރު ސިޓީ އަށް ބަދަލުވީ، އޭރު އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. އެ ގޮތުން، ސިޓީން ގްރީލިޝް ގަތީ 120 މިިލިއަން ޑޮލަރުގެ ފީއެއް އެސްޓަން ވިލާ އަށް ދައްކައިފަ އެވެ. އެކަމަކު، އެ އަގާ އެއްވަރުގެ ކުޅުމެއް އަދި ގްރީލިޝް އަށް ސިޓީގައި ނުދެއްކެ އެވެ.

ދާދި ފަހުން، އެމެރިކާގައި ކުރިއަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕަށް ސިޓީން ނެގި ސްކޮޑުގައި ގްރީލިޝް ނުހިމެނެ އެވެ. ސިޓީން މި ފަހަރުގެ ޓްރާންސްފާގައި ގްރީލިޝް ވިއްކާލަން ބޭނުންވަނީ، އެންމެ ކުޑަކޮށް ވެސް 70 މިލިއަން ޑޮލަރަށެވެ. އެކަމަކު، ގްރީލިޝް ގަންނަން އެންމެ ފުރަތަމަ ހިޔާލުފާޅުކުރި، ނަޕޯލީން ވެސް އެ ވަރުގެ ބިޑެއް ކުރަން ބޭނުމެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ސިޓީން މިހާރު އަންނަނީ ލޯން އުސޫލުން ވިޔަސް ގްރީލިޝް ދޫކޮށްލަން ތައްޔާރުވަމުންނެވެ. ލޯން ޑީލެއްގެ ދަށުން ގްރީލިޝް ގެންދަން، ނަޕޯލީ އާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި އެވަޓަން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަން ގްރީލިޝް އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭއިރު، އޭނާ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަންތަކުގައި ވަނީ ކުރިމަތިވެފަ އެވެ. މި ސީޒަނުގައި، ގްރީލިޝް އަށް ކުޅެލަން ލިބުނު 32 މެޗުގައި ތިން ގޯލު ޖެހުނުއިރު، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.