Advertisement

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

28 ޖުލައި 2025 - 18:11 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ވަފުދާއި ދިވެހި ސަރުކާރުގެ ވަފުދު ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

28 ޖުލައި 2025 - 18:11 1

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކުށުގެ ތަހުގީގާއި ކުށްތަކާ ގުޅިގެން މީހުންނަށް ދައުވާ ކުރުމުގައި އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު ވަނީ ޖުމުލަ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ކުށުގެ ތަހުގީގާއި ކުށްތަކާ ގުޅިގެން ދައުވާ ކުރުމުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން ކުށްތަކާ ގުޅިގެން ހިންގާ ތަހުގީގަށް ލިބޭ އެކި މައުލޫމާތާއި ހެކި ގަރީނާގެ މައުލޫމާތު ބަދަލު ކުރުމާއި ކުށްތަކާ ގުޅިގެން ދައުވާ އުފުލުމުގައި ގާނޫނީ އިޖުރާއަތް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.

އޭގެ އިތުރުން ހާރިޖީ ގުޅުންތަކާއި އެ ދާއިރާއިން ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ އެމްއޯޔޫއެއްގައި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އާއި ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓީއުޓް އާ ދެމެދު ވެސް މިއަދު ސޮއިކުރި އެވެ.

އެ އެމްއޯޔޫގެ ދަށުން ހާރިޖީ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް ހިންގުމާއި ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގެންނެވީ މިއަދު އެވެ. އެމަނިކުފާނު ރާއްޖޭގައި ދެ ދުވަހު މަޑު ކުރައްވާނެ އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965، ގަ އެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.