28 ޖުލައި 2025 - 09:32 0
28 ޖުލައި 2025 - 09:32 0
ޓަމިލް ނާޑޫ، އިންޑިއާ (ޖުލައި 28) - ސްޕެއިނުގެ ކޯޗު، ޒަވީ ހެނާންޑޭޒް ކަމަށް ހެދިގެން އިންޑިއާގެ ގައުމީ ފުޓްބޯޅަ ކޯޗުކަމަށް އެޕްލިކޭޝަން އީމެއިލް ކުރީ ޓަމިލް ނާޑޫ ސަރަަހައްދުގެ ކޮލެޖު ކުއްޖެއް ކަމަށް އިންޑިއާގެ މީޑިއާ ރިިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ކޯޗުކަމުން މަނޯލޯ މާކުއޭޒް އިސްތިއުފާދިނުމުން، އެ މަގާމަށް ހުޅުވާލި ފުރުސަތުގައި، 170 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި އެވެ. މިހާރު ތިން ކޯޗެއްގެ ނަން ވަނީ ޝޯޓްލިސްޓުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ކޯޗުކޮށްދީ، ދާދި ފަހުން ޕާކިސްތާން ޓީމުން ވަކިވި، ސްޓެފަން ކޮންސްޓަންޓިންގެ އިތުރުން، ހާލިދު ޖާމިލް އަދި ސްޓެފަން ޓާކޮވިޗް އެވެ.
ކޯޗުކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މީޑިއާގައި ތިލަވިއިރު، އަފްގާނިސްތާނާއި ރާއްޖެ އަދި ތަޖިކިސްތާނަށް ކޯޗުކޮށްދިން ޕީޓަ ސެގާޓް އާއި ލިވަޕޫލްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޮބީ ފައުލާ އަދި ހެރީ ކިއުލް ވެސް ހިމެނެ އެވެ.
އެކަމަކު، ފުރަތަމަ އާންމުވި ލިސްޓުގައި ނުހިމެނޭ، ސްޕެއިނުގެ ބާސެލޯނާގެ ކޯޗު ޒަވީގެ ނަން ވެސް އެޕްލިކޭޝަން ހުށަހެޅި ލިސްޓުގައި އޮތްކަމަށް، އިންޑިއާގެ ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރަކު ވަނީ، އިންޑިއާގެ މީޑިއާ އަކަށް ޔަގީންކޮށްދީފަ އެވެ. އޭއައިއެފްއެފްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފަައިވަނީ، ޒަވީއާ އިންޑިއާ ޓީމު ހަވާލުކުރަން ނިންމި ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ، އޭނާ އަށް އަހަރެއްގެ މައްޗަށް ދޭން ޖެހޭ މުސާރައިގެ ބަޖެޓް ފެޑެރޭޝަން ތެރެއިން ހަމަޖެހެން ނެތުމެވެ. ގަތަރުގެ އަލް ސާދަށް ވެސް ކޯޗުކޮށްދިން ޒަވީގެ މުސާރަ އުޅެނީ އަހަރަކަށް 10-20 މިލިއަން ޑޮލަރުގަ އެވެ.
އެހެން ނަމަވެސް ފަހުން، އޭއައިއެފްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒަވީ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ނަމުގައި ވެސް އީމެއިލްތަކެއް ލިބިފައިހުރި ކަމަށާއި އެކަމަކު، އެ އެޕްލިކޭޝަންތަކުގެ ސައްހަކަން ކަނޑައެޅޭނެ އެއްވެސް އުސޫލެއް ނެތުމުން އެއީ އަސްލެއް ނޫން ކަމަށް ނިންމީ ކަމަށެވެ.
އިންޑިއާގެ މީޑިއާ އަކަށް ޓަމިލްނާޑޫގެ ވެލޯރް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ކިޔަވާ 19 އަހަރުގެ ކުއްޖެއް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޒަވީގެ ނަމުގައި އީމެއިލް ފޮނުވީ އޭނާ ކަމަށެވެ. އަދި، އީމެއިލް ފޮނުވަން ވީ ގޮތް ދެނެގަތީ، ޗެޓްޖީޕީޓީ މެދުވެރިކޮށް ކަމަށާއި އީމެއިލާ އެކު، ސީވީއެއް ވެސް ފޮނުވާފައިނުވާނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment