Advertisement

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ނަންރީތި ސަލީމް އަރުވައިފި

27 ޖުލައި 2025 - 12:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ނަން ރީތި ސަލީމްއަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް


ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ނަންރީތި ސަލީމް އަރުވައިފި

27 ޖުލައި 2025 - 12:32 0

ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ބައި ގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަހުމަދު ސަލީމް (ނަންރީތި)، މ. މާހުރާ އަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ސަލީމްއަށް އެރުވީ މިއަދު ހެނދުނު އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

އަހުމަދު ސަލީމްއަކީ ހާރިޖިއްޔާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި ވެސް މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މި އަހަރަށް ވަނީ 54 އަހަރު ވެފަ އެވެ.

އަހުމަދު ސަލީމް އެންމެ ފުރަތަމަ ދައުލަތުގެ ހިދުމަތަށް ނުކުމެވަޑައިގެންނެވީ ހާރިޖީ ދާއިރާއިން ޖުލައި 7، 1968 ގަ އެވެ. އެ ދާއިރާގައި އެކަނިވެސް ސަލީމް 35 އަހަރު ހިދުމަތް ކުރެއްވި އެވެ.

ސަލީމް ފުރުއްވި ހާރިޖީ މަގާމުތަކުގެ ތެރޭގައި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމާއި ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަން ހިމެނެ އެވެ.

އޭގެއިތުރުން ސަލީމްއަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރެވެ. އޭގެފަހުން ސަލީމް ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ސާކްގައި ސަލީމް ފަސް އަހަރާއި ހަ މަސްދުވަހު ހިދުމަތް ކުރެއްވި އެވެ.

ސަލީމް ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމާއި ޑިޕާޓްމެންޓް އޮފް އިނފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ އޮފް ސްޕޯޓްސްގެ މަގާމު ހިމެނެ އެވެ.

އޭނާއަކީ 2003 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ގަރާރަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނުގެ މެންބަރެކެވެ. އޭގެފަހުން 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އެކުލަވައިލި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަކީ ވެސް ސަލީމް އެވެ.