Advertisement

މޯދީއަށް ވަރަށް ބޮޑަށް ތައުރީފްކޮށް މުއިއްޒު ވިދާޅުވީ އެއީ "ވޮންޑަފުލް" މީހެއް ކަމަށް

27 ޖުލައި 2025 - 12:58 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް އޮފީހުގައި މޯދީ އާ މުއިއްޒު ބައްދަލުކުރައްވަނީ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިންޑިއާގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޮޑު ކެމްނޭއް ކުރިއަށްގެންދިޔަ --- ފޮޓޯ: ޕްރައިމް މިނިސްޓާސް އޮފީސް އޮންޑިއާ


މޯދީއަށް ވަރަށް ބޮޑަށް ތައުރީފްކޮށް މުއިއްޒު ވިދާޅުވީ އެއީ "ވޮންޑަފުލް" މީހެއް ކަމަށް

27 ޖުލައި 2025 - 12:58 1

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އެމަނިކުފާނަކީ "ވޮންޑަފުލް" މީހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު މުއިއްްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މޯދީ އަނބުރާ ގައުމަށް ވަޑައިގަތީ އިއްޔެ އިރުއޮއްސުނު ވަގުތު އެވެ. އެ ދަތުރުގެ ތެރެއިން ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވައި ބައެއް މަޝްރޫއުތަކުގެ ނިމުން އިފްތިތާހުކޮށްފައިވެ އެވެ.

އިންޑިއާ އާ ދެކޮޅު ހަރަކާތްތައް ހިންގި "އިންޑިއާ އައުޓް" ކެމްޕެއިގައި ރައްޔިތުންނަށް ބޮޑެތި އޮޅުވައިލުންތަކެއް އޮޅުވައިލުމަށް ފަހު ވެރިކަމަށް ވަޑައިގެން ވެސް މުއިއްޒުގެ ސަރުކާރުން އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވާނެ ފަދަ ކަންކަން ކުރި އެވެ. މުއިއްޒު ވެސް ވަނީ އިންޑިއާއިން ބުލީ ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެ ވާހަކަތަކަށް ދެ އަހަރު ނުވަނީސް މޯދީ ކުރެއްވި ދަތުރުގައި މުއިއްޒުގެ ބަހާއި އަމަލު މުޅިން އެއްކޮށް ވަނީ ބަދަލުވެފަ އެވެ. ޖުމްހޫރީ މައިދާނުގައި ހުންނަވައި މުއިއްޒު އިންޑިއާގެ މީޑިއާތަކަށް ވިދާޅުވީ މޯދީއަކީ "ވޮންޑަފުލް މީހެއް" ކަމަށެވެ.

""އިންޑިއާއިން މީގެ ކުރިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން އަޅުގަނޑުމެން އެންމެންނަށް ވެސް ފެނިގެން ގޮސްފައިވާއިރު، މުސްތަގުބަލުގައި ވެސް އިންޑިއާއަކީ ކޮންމެހެން ބޭނުންތެރި ބައިވެރިއަކަށް ވާނެކަމާ މެދު ޝައްކެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

"އަވައްޓެރިންނާ ގުޅުން ބަދަހިކުރުމަށް ޓަކައި، އެމަނިކުފާނު މަސައްކަތް ކުރައްވާ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ އެތައް ސަތޭކަ އަހަރެއްވީ ބަދަހި ގުޅުމެއް. އެމަނިކުފާނުގެ ލީޑާޝިޕާއި، ދެ ގައުމުގެ ސަރުކާރާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ކުރިއަށް އޮތީ ވެސް ފާގަތި ދުވަސްތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ފުރައްސާރަ ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ކެމްޕެއިނެއް ވެސް ފެށި އެވެ. އެ ހަރަކާތުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕްގެ ރަށްތައް ހިޔާރުކުރަން ގޮވާލި އެވެ. މުއިއްޒު ދެކޭ ގޮތުގައި މޯދީގެ ދަތުރާއެކު އިންޑިއާއިން އަންނަ ޓޫރިސްޓުން އިތުރުވާނެ އެވެ.

"އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ގައުމު. މޯދީގެ މި ދަތުރުގެ ސަބަބުން މި ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމަށް ބެލެވޭ. އަޅުގަނޑަށް ޔަގީން، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާއަށް ދެން ދަތުރު ކުރައްވާނީ ކޮން އިރަކުންތޯ މުއިއްޒުގެ އަރިހުގައި މީޑިއާތަކުން ސުވާލު ކުރުމުން ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިންޑިއާއަށް ދަތުރު ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

މުއިއްޒު ވެސް ވަނީ އިންޑިއާއަށް މިދިޔަ އަހަރު ރަސްމީ ދަތުރެއް ކުރައްވާފަ އެވެ. އަދި ތިންވަނަ ދައުރަކަށް މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ވެސް ދުބާއީ މަގުން އިންޑިއާއަށް މުއިއްޒު ވަޑައިގަތެވެ. އެހެންކަމުން މިއީ މޯދީ އާއި މުއިއްޒުގެ ތިންވަނަ އިންޓެރެކްޝަނެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމު ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި މޯދީގެ ދަތުރުގެ ތެރެއިން ސޮއިކުރި އެވެ.

މިއީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގެންނެވި ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.