27 ޖުލައި 2025 - 11:52 0
މުހައްމަދު ޝަހްޒާން
އއ. މާޅޮސް ބަނދަރުމަތީގައި އެ ރަށު ބަޔަކު ހުއްޓިލައިގެން ތިއްބައި ފުލުހަކު ގޮސް މައުލޫމާތު ސާފު ކުރަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
27 ޖުލައި 2025 - 11:52 0
އއ. މާޅޮސް ފަޅު ތެރޭގައި އޮތް ދޯންޏެއްގައި ބާރުގަދަ އެއްޗެއް ގޮވައި އޭގައި ތިބި ދެމީހުން ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
މާޅޮސް ކައުންސިލުގެ ރައީސް، އިސްމާއިލް ނަސީރު ވިދާޅުވީ އެއްޗެއް ގޮވީ އެ ރަށު ފަޅުތެރޭގައި އޮތް ނަސްރު ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ.
"ދެ ގޮތަކަށް ކިޔާ، ބެޓެރީއެއް ގޮވި ވާހަަކަ ވެސް ކިޔާ، ގޭސްފުޅިއެއް ގޮވި ވާހަކަ ވެސް ކިޔާ، ދެ މީހުން ވެސް ވަރަށް ބޮޑަށް ފިހިފައި، ގާތްގަނޑަކަށް 80 ޕަސެންޓު ވަރު ފިހިފައި،" އިސްމާއިލް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ތިބީ އެ ދެ މީހުން އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެ ދެ މީހުން ވެސް އިތުރު ފަރުވާ ދިނުމަށް މާލެއަށް މިހާރު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަނިޔާވި ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ރޭ 8:50 އެހާކަށްހާއިރު [އެ ހާދިސާ ހިނގީ]، މި ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށް ގާއަޅާ މަސައްކަތްތައް ކުރާ ކުންފުންޏެއްގެ ދޯންޏެއް އެއީ، އެ ދެ މީހުންގެ ވެސް ހަމަ ވަގުތުން ރޭގައި މާލެ ގެންގޮސްފި،" އިސްމާއިލް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
އެކު ޖުމުލަ 775 މީހުންގެ އާބާދީއެއް އޮންނަ މާޅޮހަކީ 500 އެއްހައި މީހުން ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި 50 އާއި 40 އާ ދެމެދުގެ އަދަދަކަަށް ބިދޭސީން ދިރިއުޅެ އެވެ.
Comment