26 ޖުލައި 2025 - 21:38 0
ލީވާން އަލީ ނާސިރު
ޑރ. މުހައްމަދު މުއިއްޒު: ސޯލިހަށާއި ޔާމީނަށް މުއިއްޒު ޝުކުރު އަދާކުރެއްވި -- ފޮޓޯ: ރައީސް އޮފީސް
26 ޖުލައި 2025 - 21:38 0
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލްގެ މަސައްކަތް ފުރިހަމަ ކުރުމަށް އެހީތެރިވެދިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ޝުކުރު އަދާކުރައްވައިފި އެވެ.
ވީއައިއޭ ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ފެށިގެން އައީ ޔާމީނުގެ ދައުރުގައި ކަމަށްވާތީ އެމަނިކުފާނަށް އަދި ސޯލިހުގެ ދައުރުގައި ވެސް މަސައްކަތްތައް ކުރިއަށް ގޮސްފައިވާތީ އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެމަނިކުފާނަށާއި ދެން އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވީއައިއޭގެ މަސައްކަތަކީ ގާތްގަނޑަކަށް 10 އަހަރުގެ މަސައްކަތަކަށްވާތީ، ވަރަށް ގިނަ ބަޔަކަށް އެކަމުގެ ޝުކުރު ހައްގުވާ ކަމަށާއި އެކަމުގައި ކުރީ ދެ ސަރުކާރުގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ.
"އާދެ މިއީ ދެންމެގައި ރިޕޯޓުންނާއި އަދި އެމްޑީގެ ވާހަކަފުޅުން ވެސް ފާހަގަވި ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވި މަސައްކަތެއް. ވަރަށް ވެސް ގިނަ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތެއް މީގައި ހިމެނޭ ކަމެއް. ދެ ސަރުކާރެއްގެ ބުރަ މަސައްކަތެއް މީގައި ހިމެނޭ،" މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މުއިއްޒު ވަނީ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ފުރިހަމަ ކުރުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ފައިސާ ހަމަޖައްސަން ޖެހުނު ސައުދީ ފަންޑާއި ކުވައިތު ފަންޑާއި އަބޫދާބީ ފަންޑުގެ އިތުރުން އޯޕެކް ފަންޑުން ދެއްވި އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި އެއްކޮށް ބޭނުން ކުރަން ފެށުމުން އެއާޕޯޓުން އަހަރަކު ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރުވާނެ އެވެ. އަދި މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފުރާ މީހުންނަށް ދެވޭނެ މަގު ފަހި ވެގެން ދާނެ އެވެ.
ގާތްގަނޑަކަށް ނުވަ އަހަރުން ނިންމި މި ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު މަސައްކަތެވެ. މުޅި މި ޕްރޮޖެކްޓަށް 812 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.
Comment