26 ޖުލައި 2025 - 21:44 1
މުހައްމަދު ޝަހްޒާން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ހަވާ އަރުވަނީ: ނުވަ އަހަރުން ނިމުނު މި މަޝްރޫއަށް 438 މިލިއަން ޑޮލަރު ހަރަދުވި -- ފޮޓޯ: ސްކްރީންޝޮޓް
26 ޖުލައި 2025 - 21:44 1
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕެންޝަން މަޝްރޫއުގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަށައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި އާ ޓާމިނަލް ރައީސް މުހައްމަދު މުއިއްޒު މިރޭ ހުޅުވައިފި އެވެ.
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ މީގެ ނުވަ އަހަރާއި އެއް މަހާއި 26 ދުވަސް ކުރިން، މެއި 22، 2016 ގަ އެވެ. ސައުދީ އަރަބިއްއާގެ ބިންލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.
ނަމަވެސް 2018 ގައި ވެރިކަން ބަދަލުވީއިރު، އާ ޓަމިނަލްގެ ނިމިފައި ހުރީ ޕައިލިން މަސައްކަތްތައް އެކަންޏެވެ. ދެން ވެރިކަމަށް އައި ރައީސް ސޯލިހުގެ ސަރުކާރުން އާ ޓާމިނަލްގެ މަސައްކަތްތައް 2019 ގައި އަލުން ފެށީ މިހާރު އެ ފެންނަ ފަރުމާއަށް ބަދަލު ކޮށްގެންނެވެ.
އެއާޕޯޓުގެ އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.
މިރޭ ހުޅުވި އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލުގެ އެންމެ ތަފާތު އެއް ކަމަކީ އެތަނުގައި ހުންނަ ޕެސެންޖާ ބޯޑިން ބްރިޖުތަކެވެ. އާ ޓާމިނަލުގައި ޖުމުލަ 12 ޕެސެންޖާ ބޯޑިން ބްރިޖު ހުރެ އެވެ.
އޭގެއިތުރުން އެއާޕޯޓުގެ އާ ޓާމިނަލުގައި ހުންނަ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ވެސް ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފަށާ ސިސްޓަމެކެވެ. އާ ޓާމިނަލުގައި ބޭނުންކުރާ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ފަސިންޖަރުންގެ ކްލާސްތައް ވަކިކޮށް ތަފާތު އެކި ފްލައިޓުތަކުގެ ބެގެޖުތައް އަމިއްލައަށް ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.
Comment