Advertisement

އެފްއޭއެމް ހިންގާ ކޮމިޓީ އަށް އިންތިހާބުވުމުން އުމެއިރު ކުޅުމާ ދުރަށް

26 ޖުލައި 2025 - 18:54 0


އެފްއޭއެމް ހިންގާ ކޮމިޓީ އަށް އިންތިހާބުވުމުން އުމެއިރު ކުޅުމާ ދުރަށް

26 ޖުލައި 2025 - 18:54 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް މިއަދު އިންތިހާބުވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި، މުހައްމަދު އުމެއިރު ފުޓްބޯޅަ ކުޅުމުގެ ކެރިއަރާ ދުރަށް ޖެހިލުމަށް ނިންމައިފި އެވެ.

އެފްއޭއެމް ރައީސަކަށް މިއަދު އިންތިހާބުވި އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމުގައި، އުުމުރުން 37 އަހަރުގެ އުމެއިރު ހިމެނޭއިރު، އޭނާ ހުރީ ކުރިއަށް އޮތް ސީޒަން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެން ނިންމައިގެންނެވެ.

އެކަމަކު، ހިންގާ ކޮމިޓީގެ ދައުރު ފެށުމާ އެކު އޭނާ ކުޅުމުގެ ކެރިއަރާ މެދު ގޮތެއް ނިންމީ އެވެ.

މިއަދު ހެންވޭރު މީރުމާ އިވެންޓްސްގައި ބޭއްވި އެފްއޭއެމް އިންތިހާބީ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ދެން އިންތިހާބުވީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި)، އަދި ނައިބު ރައީސުންގެ ގޮތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، އަދި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްގެ ތެެރެއިން، އުމެއިރު (ކ) އާއި ތޯރިގު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، އުމެއިރުގެ އިތުރުން ހިމެނެނީ، ގޯލްކީޕަރު، އިމްރާން މުހައްމަދު، ޓީސީގެ އަހުމަދު އައްބާސް (އައްބު)، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމަނައިފައިވެ އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.

އުމެއިރު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ފުޓްބޯޅަ ކެރިއަރުގެ އާ ޗެޕްޓަރެއް މި ފަށަނީ، އޭނާ އަށް ފުޓްބޯޅައިން ލިބިފައިވާ ފުރުސަތުތަކުގެ އަލީގައި އަލުން ފުޓްބޯޅަ އަށް އެހެން ގޮތަކުން ހިދުމަތް ކޮށްދިނުމަށް ކަމަށެވެ. ހާއްސަ ގޮތެއްގައި އުމެއިރު ވިސްނުން ހުރީ ރާއްޖޭގެ ޔޫތު ފުޓްބޯޅަ އަށް ފުރުސަތުތަކެއް ހޯދައިދޭން އޭނާގެ ދައުރު ހިމެނޭހެން ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަށް ކަމަށް އުމެއިރު ވަނީ ބުނެފަ އެވެ.

"2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އަހަރެން ހިމެނޭތީވެ، އެނގޭ އެއްބައިވަންތަ ކަމާ އެކު ކޮންމެ ކަމެއް ވެސް ހާސިލްކުރެވިދާނެކަން،" ރާއްޖޭގެ ފުޓްބޯޅައިގެ ޖަމިއްޔާ، އެފްއޭއެމް، ބަނގުރޫޓުވާ ހާލަތުގައި އޮއްވައި، އަލުން ފުޓްބޯޅަ ކޮޅަށް ޖެހުމަށް، ނުކުތް ހިންގާ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުރި އުމެއިރު ބުންޏެވެ.

މިއަދު ބޭއްވި ކޮންގްރެސްގެ ތެރެއިން އުމެއިރު: އޭނާ ވަނީ ފުޓްބޯޅައިގެ ހިންގުމުގެ ތެރެއަށް އަންނަން ޖެހުމުން ކުޅުމުގެ ކެރިއަރު މަޑުޖައްސާލައިފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


"މިއީ ފުޓްބޯޅައިގައި އަހަރެންގެ ނިމުމެއް ނޫން، ފެށުމެއްގެ ގޮތުގައި ގަބޫލުކުރަން ބޭނުންވަނީ، މިއީ ފުޓްބޯޅައިގައި ހިދުމަތްކުރަން ލިބުނު ފުރުސަތެއް،"

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ލިރުގާމް ސައީދު (ލަރޭ) ދިން ފުރުސަތެއްގައި ފުޓްބޯޅައިގެ ތެރެއަށް އައި، އުމެއިރު، 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި، މުހައްމަދު ޝިޔާޒް (މޯޙަން) އާއި ދާދި ފަހުން ނިޔާވި މަޝްހޫރު ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބެލުމުގެ ދަށުން ކުރިއެރުން ހޯދި އެވެ. އޭގެ ފަހުން، ވިކްޓަރީގެ ލެޖެންޑަރީ ދެ ކޯޗުން ކަމަށްވާ މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒޭންގެ ބެލުމުގެ ދަށުން ވިކްޓަރީގައި އުމެއިރު ކުރިއެރުން ހޯދައި، ރާއްޖޭގެ ފުޓްބޯޅައިގެ އުހަށް ޖެހިލި އެވެ.

ވިހި އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތީގައި ދެމިހުރި އުމެއިރު އަންނަނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)އާ އެކު ކޯޗިންގެ ރޯލުގައި ވެސް ކުރިއަށްގެންދަމުންނެވެ. އެ ގޮތުން، އޭއެފްސީ ސީ ލައިސަންސް ހާސިލްކޮށްފައިވާ އުމެއިރު އަކީ، އެމްއެސްއެމްގެ 14 އަހަރުން ދަށުގެ ޓީމުގެ ކޯޗު ވެސް މެ އެވެ.