Advertisement

ރާއްޖެއަށް ކުރެއްވި ދަތުރަށްފަހު މޯދީ ފުރާވަޑައިގެންފި

26 ޖުލައި 2025 - 18:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރަށްފަހު ފުރާވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް


ރާއްޖެއަށް ކުރެއްވި ދަތުރަށްފަހު މޯދީ ފުރާވަޑައިގެންފި

26 ޖުލައި 2025 - 18:15 0

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ހަރަކާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.

އިއްޔެ ހެނދުނު މޯދީ ރާއްޖެ ވަޑައިގަތަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެއަށްފަހު ޖުމްހޫރީ މައިދާނުގައި މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވީ 21 ބަޑީގެ ސަލާމެއް ދެއްވުމަށް ފަހު އެވެ.

ދެ ގައުމުގެ ދެމެދުގައި އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މީގެ ކުރިން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމު ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި މޯދީގެ ދަތުރުގެ ތެރެއިން އިއްޔެ ސޮއިކުރި އެވެ.

މީގެއިތުރުން މޯދީ ވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމްއާ ބައްދަލުކުރައްވާފަ އެވެ.

މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.