26 ޖުލައި 2025 - 12:27 0
މުހައްމަދު ޝަހްޒާން
ފުލުހުންނާއި ސިފައިންނާ ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
26 ޖުލައި 2025 - 12:27 0
ދިވެހި ސިފައިންނާއި ފުލުހުންނަކީ ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަން ހިމާޔަތް ކުރުމަށް ހަށިގަނޑާއި ފުރާނައިން ގުރުބާން ވާން ތައްޔާރަށް ތިބެންޖެހޭ ބައެއްކަން މިނިވަން ދުވަހާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާއެއްގައި އަލުން ހަނދާން އާ ކޮށްދީ އަޒުމު އާ ކޮށްދީފި އެވެ.
ފުލުހުންނާއި ސިފައިންގެ އަޒުމު އާކޮށްދިނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފުލުހުންނާއި ސިފައިންނާ މިއަދު ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންނާ މުހާތަބު ކުރައްވައި ވާހަކަ ވެސް ދައްކަވައިފަ އެވެ.
ސިފައިންނަށް އަޒުމު ލައިދެއްވީ ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ. އޭނާ ވަނީ ސިފައިންގެ ހުވާ އާއި ޒިންމާގެ މަތިން ހަނދާން އާ ކޮށްދެއްވައިފަ އެވެ.
"މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖެ ދިފާއު ކުރުމުގައި އަޅުގަނޑުމެން ދެމިތިބުމަށް އަޒުމު ކަނޑައަޅަން، އަޅުގަނޑުމެންގެ ވާޖިބު އަދާ ކުރުމުގައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަން ހިމާޔަތް ކުރުމުގައި ތެދުވެރި އަމާނާތްތެރި، އަދި އިހުލާސްތެރި ބައެއްގެ ގޮތުގައި ދެމިތިބޭނަން،" ސިފައިންނަށް އަޒުމު ލައިދެއްވަމުން ހިލްމީ ވިދާޅުވި އެވެ.
"ދުޝްމަނުންނާއި ބަގާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތް ކުރުމުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި ފުރާނައިން ގުރުބާން ވާން ޖެހިއްޖެ ނަމަ ގުރުބާންވުމަށް މާތްالله ގެ ވާގިފުޅާއެކު އަޅުގަނޑުމެން މިތިބީ ތައްޔާރަށް."
ފުލުހުންނަށް އަޒުމު ލައިދެއްވީ ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން އެވެ. ނަވީން ވަނީ ފުލުހުންގެ ހުވާ އާއި ގާނޫނީ މަސްއޫލިއްޔަތުގެ މަތިން ހަނދާން އާ ކޮށްދެއްވައިފަ އެވެ.
"މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ތެެދުވެރިވެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި އަހުރެން ދެމިހުންނާނަން، ކޮންމެ ފަރުދަކާމެދު ވެސް ހަމަހަމަކަމާއި ކުލުނާއި އިހުތިރާމާއެކު މުއާމަލާތް ކުރާނަން، ދިވެހިރާއްޖޭގެ ދުސްތޫރީ ވެރިކަމާއި މީސްތަކުންގެ ފުރާނައާއި މުދަލާއި ގެދޮރު ހިމާޔަތް ކުރުމުގައި ކެތްތެރިކަމާއި ހިތްވަރާއި އަޒުމާއެކު ސާބިތުވެ ހުންނާނަން،" ފުލުހުންނަށް އަޒުމު ލައިދެއްވަމުން ނަވީން ވިދާޅުވި އެވެ.
ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ކުރާ ފަރާތްތައް ހޯދައި އެފަދަ އަމަލުތައް ހުއްޓުވަން ހިތްވަރާއެކު ފަސްނުޖެހި މަސައްކަތް ކުރުމުގައި އަހުރެން ދެމިހުންނާނަން، ދިވެހި ފުލުހަކަށްވެ ހުރެ ފުލުހުންގެ މަސްއޫލިއްޔަތަކާއި ވާޖިބުތައް އަދާކުރުމުގައި ޒިންމާދާރުވެ ކިޔަމަންތެރިކަމާއެކު އަހުރެން ގާއިމުވެ ހުންނާނަން."
ސިފައިންނާއި ފުލުހުންގެ އަޒުމު އާ ކުރުމަކީ މީގެ ކުރިން މިފަދަ ގޮތަކަށް ޖަލްސާއެއް ބާއްވައިގެން ކުރާ ކަމެއް ނޫނެވެ. ސިފައިންނާއި ފުލުހުންގެ އަޒުމު އާ ކުރަނީ އެ ދެ މުއައްސަސާގެ ތަމްރީނު ޕްރޮގުރާމްތަކުގަ އެވެ. މިއީ މިފަދަ ގޮތަކަށް، ވަކީން ހާއްސަކޮށް މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސިފައިންނާއި ފުލުހުންގެ އަޒުމު އާ ކޮށްދިން ފުރަތަމަ ފަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment