Advertisement

ތާރީހީ ބަދަލެއް، ބީއެމްއެލްއިން އިންޑިއަން ރުޕީ އެކައުންޓު ތައާރަފުކޮށްފި

25 ޖުލައި 2025 - 20:33 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތާރީހީ ބަދަލެއް، ބީއެމްއެލްއިން އިންޑިއަން ރުޕީ އެކައުންޓު ތައާރަފުކޮށްފި

25 ޖުލައި 2025 - 20:33 1

ބޭންކް އޮފް މޯލްޑިވްސް އިން ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ތައާރަފުކޮށްފި އެވެ.

ސާޅީހަށް ވުރެ ގިނަ އަހަރުވީ ބީއެމްއެލްގައި މިހާރު ހުޅުވެނީ ރުފިޔާ އަދި އެމެރިކާ ޑޮލަރު އެކައުންޓެވެ. އަދި ހަމައެކަނި ވިޔަފާރިތަކަށް ޔޫރޯ އެކައުންޓު ވެސް ހުޅުވައިދެ އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީން ވެސް ހިމެނޭ ގޮތަށް ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް އޯގަސްޓު 1 އިން ފެށިގެން ހުޅުވޭނެ ކަމަށެވެ.

އެ އެކައުންޓުތަކަށް އިންޑިއަން ރުޕީގެ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓު ޖަމާކުރެވޭނެ ކަމަށާއި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ބޭންކު ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ފަހުރެއް ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ވެސް ހަމަޖައްސައިފަ އެވެ.

ބީއެމްއެލްގެ ކަސްޓަމަރުންނަށް ރުޕޭ ކާޑު ދޫކުރުމަށްޓަކައި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.