ޕޯޓަބަަލް ހޮސްޕިޓަލް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ހޮސްޕިޓަލްތަކުގައި އައިސީޔޫއަކާއި ވެންޓިލޭޓަރާއި އެހެނިހެން ހިދުމަތްތައް ހުންނާނީ ގާއިމްކޮށްފައި -- ފޮޓޯ: ރައީސް އޮފީސް
ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން އިންޑިއާއިން ދިވެހިރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި އެވެ.
ޕޯޓަބަލް ހޮސްޕިޓަލްތަކަށް ކިޔަނީ "އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް" އެވެ. އިންޑިއާގެ ފަރާތުން އެތަކެތި ހަދިޔާ ކުރެއްވީ ބޮޑުވަޒީރު މޯދީ އެވެ. ރާއްޖޭގެ ފަރާތުން އެ ދެ ހޮސްޕިޓަލް ބަލައިގަތީ މުއިއްޒެވެ.
ކޮންމެ ތަނެއްގައި ވެސް ސެޓްއަޕް ކޮށްލެވޭ އެ ހޮސްޕިޓަލްތަކުގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ އެހެނިހެން ހިދުމަތްތައް ހިމެނޭނެ އެވެ. އެެއިން ހޮސްޕިޓަލުން މެދުނުކެނޑި 72 ގަޑިއިރު ހިދުމަތް ދެވޭނެ އެވެ. އަދި ގިނަވެގެން 200 މީހުންނަށް ފަރުވާދެވޭނެ އެވެ.
އޭގެ އިތުރުން، ވެންޓިލޭޓަރާއި ޖަނަރޭޓަރަކާއި ކައްކައި ކެވޭނެ ގޮތާއި ކާބޯތަކެއްޗާއި ލޭގެ ޓެސްޓުތަކާއި ތަހުލީލުތައް ހެދޭނެ ވަސީލަތްތައް ވެސް ޕޯޓަބަލް ހޮސްޕިޓަލްތަކުގައި ހުންނާނީ ގާއިމްކޮށްފަ އެވެ. އަދި އޭއައި ބޭނުންކޮށްގެން ޑޭޓާ އެނަލައިޒް ކުރުމުގެ ޓެކްނޮލޮޖީ ވެސް އެ ހޮސްޕިޓަލްތަކުގައި ވަނީ ގާއިމްްކޮށްފަ އެވެ.
އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ މި ހޮސްޕިޓަލްތައް ހެލިކޮޕްޓަރެއްގައި ނުވަތަ މަތިންދާބޯޓެއްގައި ބިމަށް ވައްޓާލެވިދާނެ އެވެ. އެއީ ރާވަން ފަސޭހަ ގޮތަކަށް ހަދާފައިވާ ހޮސްޕިޓަލްތަކެކެވެ.
އިންޑިއާގައި ޕޯޓަބަލް ހޮސްޕިޓަލްތައް ތައާރަފު ކުރީ އޯގަސްޓު، 2024، ގަ އެވެ. އެއަށްފަހު ދުރު ސަރަހައްދަކަށް ގެންގޮސް އެ ހޮސްޕިޓަލްތައް ވަނީ ބޭނުންކޮށްފަ އެވެ. މިއީ މިހާ ހަރުދަނާ ވަސީލަތްތަކާއެކު ހެދި ދުނިޔޭގެ ވެސް އެންމެ ފުރަތަމަ ޕޯޓަބަލް ހޮސްޕިޓަލެވެ.
Comment