Advertisement

އިންޑިއާ އާއި މޯދީއަށް މުއިއްޒުގެ ތައުރީފް އޮއްސާލައްވައިފި

25 ޖުލައި 2025 - 18:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޑިއާ އާއި މޯދީއަށް މުއިއްޒުގެ ތައުރީފް އޮއްސާލައްވައިފި

25 ޖުލައި 2025 - 18:41 0

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތައުރީފް މިއަދު އޮއްސާލައްވައިފި އެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ޖޮއިންޓް ސްޓޭޓްމަންޓް ދިނުމުގެ ހަފުލާގައި މުއިއްޒު ވަނީ އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީ، ޓްރެޝަރީ ބިލް އިންޓްރެސްޓެއް ނުނަގައި އެއް އަހަރަށް ފަސްކޮށްދިނީތީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޓްރޭޑް އެއްބަސްވުމުގެ ދަށުން އިންޑިއާއިން މެދުނުކެނޑި ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި އެތެރެކޮށްދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ފުރިހަމަވެގެންދާ ކަމުގެ ރަމްޒެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެމްއެންޑީއެފްއަށް 72 ވެހިކަލެއް ހަދިޔާކޮށް، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 4000 ޔުނިޓު ނިންމައި "ރަމްޒީ ތަޅުދަނޑި" ހަވާލުކުރީތީ އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެޑިކަލް ކިއުބްތައް ފޯރުކޮށްދިނީތީ އެކަމަށް ވެސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާތީ ވެސް މުއިއްޒު ވަނީ މޯދީއަށް ޝުކުރު އަދާކުރައްވައިފަ ކަމަށެވެ.

"ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެއްވި މަސައްކަތަށް މޯދީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެދެނީ ދެ ގައުމުގެ ވެސް ކުރިއެރުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ އިން ކޮޕް-33 ހޮސްޓު ކުރުމަށް ރާއްޖެއިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އިންޑިއާއަށް ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ނަތީޖާތައް ނެރޭވެނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

މި ވެރިކަން ފެށުނުއިރު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ކުޑަ އެވެ. ވެރިކަމަށް އައުމަށް މި ސަރުކާރު ހިންގާ ޕީއެންސީން ރިޔާސީ އިންތިހާބުގައި ބުނަމުންދިޔައީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ކަމަށާއި އިންޑިއާގެ ސިފައިން ރާއްޖޭގައި އަސްކަރީ ބޭނުމެއްގައި އުޅޭ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވީ މޯދީއަށް ކުޑައިމީސްކޮށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެކްސް ގައި ޕޯސްޓުތަކެއް ކުރެއްވުމުންނެވެ. އެކަމަކު ދެ ގައުމުގެ ދެ މެދުގައި އޮތް ގުޅުން ފަހަކަށް އައިސް ރަނގަޅުވާން ވަނީ ފަށައިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާދަމާ އޮންނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.