Advertisement

ޒަވީ އަށް އިންޑިއާ ކޯޗުކަން ނުދިނީ މުސާރަ ދޭން ބަޖެޓް ހަމަނުޖެހޭނެތީ

25 ޖުލައި 2025 - 11:54 0


ޒަވީ އަށް އިންޑިއާ ކޯޗުކަން ނުދިނީ މުސާރަ ދޭން ބަޖެޓް ހަމަނުޖެހޭނެތީ

25 ޖުލައި 2025 - 11:54 0

މުމްބައި، އިންޑިއާ (ޖުލައި 25) - ސްޕެއިނުގެ މަޝްހޫރު ތަރި، ޒަވީ ހެނާންޑޭޒް އަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ނުދިނީ އޭނާ އަށް ދޭނެ މުސާރަ އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ހަމަޖައްސައިނުދެވޭނެތީވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ކޯޗުކަމުން މަނޯލޯ މާކުއޭޒް އިސްތިއުފާދިނުމުން، އެ މަގާމަށް ހުޅުވާލި ފުރުސަތުގައި، 170 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި އެވެ.

މިހާރު ތިން ކޯޗެއްގެ ނަން ވަނީ ޝޯޓްލިސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ކޯޗުކޮށްދީ، ދާދި ފަހުން ޕާކިސްތާން ޓީމުން ވަކިވި، ސްޓެފަން ކޮންސްޓަންޓިންގެ އިތުރުން، ހާލިދު ޖާމިލް އަދި ސްޓެފަން ޓާކޮވިޗް އެވެ.

ކޯޗުކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މީޑިއާގައި ތިލަވިއިރު، އަފްގާނިސްތާނާއި ރާއްޖެ އަދި ތަޖިކިސްތާނަށް ކޯޗުކޮށްދިން ޕީޓަ ސެގާޓް އާއި ލިވަޕޫލްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޮބީ ފައުލާ އަދި ހެރީ ކިއުލް ވެސް ހިމެނެ އެވެ. އެކަމަކު، ފުރަތަމަ އާންމުވި ލިސްޓުގައި ނުހިމެނޭ، ސްޕެއިނުގެ ބާސެލޯނާގެ ކޯޗު ޒަވީގެ ނަން ހިމެނޭ އެޕްލިކޭޝަނެއް ހުށަހެޅިކަން، އިންޑިއާގެ ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރަކު ވަނީ މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ.

އޭއައިއެފްއެފްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފަައިވަނީ، ޒަވީއާ އިންޑިއާ ޓީމު ހަވާލުކުރަން ނިންމި ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ، އޭނާ އަށް އަހަރެއްގެ މައްޗަށް ދޭން ޖެހޭ މުސާރައިގެ ބަޖެޓް ފެޑެރޭޝަން ތެރެއިން ހަމަޖެހެން ނެތުމެވެ. ގަތަރުގެ އަލް ސާދަށް ވެސް ކޯޗުކޮށްދިން ޒަވީގެ މުސާރަ އުޅެނީ އަހަރަކަށް 10-20 މިލިއަން ޑޮލަރުގަ އެވެ.

ބާސެލޯނާގެ ކޯޗުކަމުން ޒަވީ ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ބާސެލޯނާގެ ކޯޗުކަމުން ވަކިވި ފަހުން އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޒަވީ، އަށް، މިވީ މުއްދަތުގެ ތެރޭގައި އެކި ޓީމުތަކުގެ އޮފާ ލިބުނު ނަމަަވެސް އޭނާ އެއްވެސް ޓީމެއްގެ ހުށަހެޅުން ގަބޫލުކޮށްފައެއްނުވެ އެވެ.