25 ޖުލައި 2025 - 10:41 0
ލީވާން އަލީ ނާސިރު
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ
25 ޖުލައި 2025 - 10:41 0
ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ޑިސަނަޔަކެ ރާއްޖެއަށް ދަތުރުކުރައްވާނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ދަތުރުގައި މުއިއްޒު އާއި ޑިސަނަޔަކެ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ދެ ގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965، ގަ އެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.
ޑިސަނަޔަކެ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ދުވަހުގެ ދަތުރެއްގަައި މިއަދު ރާއްޖެ ވަނީ ވަޑައިގެންފަ އެވެ.
Comment