Advertisement

މޯދީގެ ދަތުރުން ހާމަވަނީ އިންޑިއާއިން ދިވެހިންނަށް ކުރާ އިހުތިރާމު: ސޯލިހު

24 ޖުލައި 2025 - 23:13 0

ކުރީގެ ރައީސް ސޯލިހު ހުވާ ކުރެއްވުމަށް ނޮވެންބަރު 2018 ގައި މާލޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ -- ފޮޓޯ: ރައީސް އޮފީސް


މޯދީގެ ދަތުރުން ހާމަވަނީ އިންޑިއާއިން ދިވެހިންނަށް ކުރާ އިހުތިރާމު: ސޯލިހު

24 ޖުލައި 2025 - 23:13 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ފަށްޓަވާ ދަތުރުން ހާމަވެގެންދަނީ ސިޔާސީ މަގުސަދުގައި އިންޑިއާއާމެދު ރުޅިވެރިކަން އުފެއްދި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތީ ނުގުޑާ ފަދަ ބަދަހި ގުޅުމެއްކާއި އިންޑިއާއިން ދިވެހިންނަށް ކުރާ އިހުތިރާމު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު ގަބޫލު ކުރައްވައި، މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އެ މަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވާނީ ޖުލައި 26 ވަނަ ދުވަހު ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.

މޯދީގެ ދަތުރާ ގުޅިގެން ސޯލިހު ނެރުއްވި ބަޔާނުގައި މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކަށް މޯދީ އަށް ދައުވަތު ދެއްވި ކަމަށްޓަކައި ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެފައިވެ އެވެ.

ސޯލިހު ވިދާޅުވީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ދަތުރަކަށް ވުން އުއްމީދު ކުރައްވާ ކަމަށެވެ.

ވަކި ހާއްސަ ކަމެއް ފާހަގަ ނުކުރައްވައި ސޯލިހު ވިދާޅުވެފައި ވަނީ ގޮންޖެހުންތަކާއި ނުތަނަވަސްކަން ބޮޑު ދުވަސްވަރެއްގައި މަތީ ފަންތީގެ ދަތުރެއް އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރެއްވުމަކީ އެ ގައުމުން ދިވެހި ރައްޔިތުންނަށް ކުރާ އިހުތިރާހުގެ ހާމަވެގެންދާ ކަމެއް ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ މިދަތުރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ އާ އުސްމިންތަކަކަށް ގެންދާނެ ދަތުރަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަން،" ސޯލިހު ވިދާޅުވި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ އައުޓު ކެމްޕޭނު ހިންގައި، އިންޑިއާއާމެދު ދިވެހިންގެ ގިނަ ބައެއްގެ ހިތުގައި ނަފުރަތު އުފެއްދުމަށް ފަހު އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް އިންޑިއާއާ ގުޅުން ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ ގާތްކުރި އެވެ.

އިންޑިއާއަށް ނިސްބަތްކޮށް އެ މަނިކުފާނު ވެސް ބަދު ބަސްތައް ވިދާޅުވި އެވެ. ނަމަވެސް އިންޑިއާއިން ހަރުކަށި ރައްދެއް ދިނުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރި އެވެ.

ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ގެއްލުންވާ މިންވަރަށް އިންޑިއާގެ ނުފޫޒުގެ ނުރައްކާ އޮތް ކަމަށް މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބަވައި ތުހުމަތު ކުރެއްވި ނަމަވެސް މިހާރު އިންޑިއާއާ ގުޅުން ބަދަހިކޮށް، އިންޑިއާއާ ގުޅޭ ގޮތުން ނުކުރެ އެވެ.