Advertisement

ސިޔާސީ ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުމެކޭ ކިޔުމަކީ ނަޝީދު އާއި ސޯލިހުގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް: ފަޒުނާ

25 ނޮވެންބަރު 2025 - 13:56 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނަޝީދު އަދި ސޯލިހުގެ އަނބިކަނބަލުން، ފަޒުނާ އަހުމަދު -- ފޮޓޯ: ރައީސް އޮފީސް


ސިޔާސީ ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުމެކޭ ކިޔުމަކީ ނަޝީދު އާއި ސޯލިހުގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް: ފަޒުނާ

25 ނޮވެންބަރު 2025 - 13:56 4

އިދިކޮޅު އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ގޮތުގައި ފާހަގަކުރެވޭ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުމަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ފަޒުނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުމަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމުން އެމްޑީޕީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ވެސް ހުރަސްއެޅޭ ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި ސިޔާސީގޮތުން އޮތް ދެބަސްވުމަކަށް އާއިލީ އަރައިރުން ކިޔުމަކީ ރައީސް ނަޝީދު އާއި ރައީސް ސޯލިހުއާ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ. އަދި މިކަހަލަ ހަނި ވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއް ވެސްމެ،" ފަޒުނާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މަދަރުސީ ދައުރުގައި އުފެދޭ އެކުވެރިކަން ގިނަފަހަރަށް ބިނާވެފައި އޮންނަނީ ޝައުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއް ވެސް ހުރެގެން ކަމަށް ފަޒުނާ ވިދާޅުވި އެވެ. ނަޝީދު އާއި ސޯލިހުއަކީ ވެސް އެއްކަލަ ކަންތައްތަކަކަށް ޝައުގުވެރިކަން ހުރި އެކުވެރިންތަކެއްގެ ތެރޭގައި ހިމެނުނު ދެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ނަޝީދު އާއި ސޯލިހުއަކީ ވެސް ފޮތް ވިދާޅުވުމާއި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އިތުރުން ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބަލަން ދިޔުމާއި ކަޅުސައި ބުއިން ފަދަ ކަންކަން އެކުގައި ކުރެއްވި ދެ ބޭފުޅުން ކަމަށް ފަޒުނާ ވިދާޅުވި އެވެ.

ޝައުގުވެރިކަން އެއްކަމަކަށް ހުންނަ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވަރަށް މިޒާޖު ތަފާތު ދެ ބޭފުޅުން ކަމަށް ފަޒުނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ފަޒުނާ ދެއްވައިފައެއް ނުވެ އެވެ.

"ސިޔާސީ ކަންކަން ހިމެނޭގޮތަށް ކޮންމެ ކަމެއްގައި ވެސް އެއްބަސްވެވޭ ކަންކަމާއި ދެބަސްވުމަށް އެއްބަސްވެ ދެ ބޭފުޅުން އެކުގައި ކުރައްވައި ކާމިޔާބުކުރެއްވި ކަންކަން މަދެއް ނުވާނެ އެވެ. އަރައިނުގަނެވިގެން މި އުޅެނީ ދެ ބޭފުޅުން އެއް ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ،" ފަޒުނާ ލިޔުއްވާފައިވެ އެވެ.

ލީޑަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމަކީ އެމްޑީޕީއަށް އައުކަމެއް ނޫން ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ. ނަމަވެސް ސޯލިހު އާއި ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުމެކޭ ކިޔުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މީހުން ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެހެން މީހުންނަށް ލީޑަރުން އިނގިލި ދިއްކޮށްގެން ނުވާނެ ކަމަށާއި އެއީ ހަރުދަނާ ލީޑަރުންގެ ސިފައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މުއައްސަސާއަކީ މައްސަލައިން ބަރީއަވެފައި އޮންނާނެ މުއައްސަސާއެއް ނޫނެވެ. މުހިންމީ ކަންކަން ހައްލު ކުރުމުގެ ރޫހެއްގައި އިށީނދެ ޕާޓީ އާއި ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕުގައި ހުރި އުނި ސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހައި އެ ކަންކަން ހައްލު ކުރުން،" ފަޒުނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީގެ ތެރޭގައި އޮތް ސިޔާސީ ހިޔާލުތަފާތުވުމުގެ ބަހުސް އަލުން ފެށިފައި މި ވަނީ އެ ޕާޓީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާގެ އިސްތިއުފާ ސިޓީގައި ވަނީ ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ބައެއް ކަންކަން ހާމަކުރައްވައިފަ އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ސޯލިހު ވާދަކުރެއްވުމަށާއި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރިޔާސީ އިންތިހާބުގެ ކުރިން ވޯޓެއް ނެގުމަށާއި އެ ވޯޓުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށް ދެ ރައީސުންގެ މެދުގައި އެއްބަސްވުމަކަށް އާދެވުނު ކަމަށް ފައްޔާޒުގެ އިސްތިއުފާ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ނަމަވެސް މި ޝަރުތުތަކަށް އެއްބަސްވުމަށްފަހު ވެސް އޭގެ ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ގަބޫލުކުރެވުނީ ރައީސް ނަޝީދާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިއުމަށް ކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. ނަތީޖާއެއްގެ ގޮތުން ޕްރައިމަރީގައި އެ ދެބޭފުޅުން ވެސް ވާދަކުރެއްވީ އެވެ.