Advertisement

އެމްޑީޕީގެ ވެރިކަމެއްގައި ބަދަލެއް ނުދީ ބީއެމްއެލްގެ ދަށުން އެސްޑީއެފްސީ ވަކިކުރާނެ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

24 ޖުލައި 2025 - 22:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެސްޑީއެފްސީ އިފްތިތާހު ކުރަން ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީގެ ވެރިކަމެއްގައި ބަދަލެއް ނުދީ ބީއެމްއެލްގެ ދަށުން އެސްޑީއެފްސީ ވަކިކުރާނެ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

24 ޖުލައި 2025 - 22:50 0

އެމްޑީޕީގެ ވެރިކަމެއްގައި ބަދަލެއް ނުދީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދަށުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ވަކިކުރާނެ ކަމަށް ފައްޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އަދަދު ގެ އެތެރެފުށް ޕްރޮގްރާމުގައި ފައްޔާޒް ވިދާޅުވީ ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަންނަން ކުރާ ކަމެއް ކަމަށެވެ. އަދި އެކަން ނުކުރަން ގޮވާލެއްވި އެވެ.

ފައްޔާޒްގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފެއްދި އެސްޑީއެފްސީ ގަނެފިނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެތަން ބީއެމްއެލްއިން ވަކިކުރާނީ ބަދަލު ނުދީ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ބީއެމްއެލްއަށް. ދިވެހި އިގްތިސާދަށާއި ދިވެހި ރައްޔިތުންގެ އެތައް ބައެއްގެ ހައްގަކަށް ތިބޭފުޅުން ފައިދާއެއް ހޯދަންވެގެން އަރައިގަންނަނީއޭތި. އެތަން ނުނަންގަވައްޗޭ. އެކަން ނުކުރައްވާށޭ. އަޅުގަނޑުމެން ވެރިކަމަށް އައިސްފައި ބަދަލެއް ނުދީ ބީއެމްއެލްއިން އެތަން ވަކިކުރާނަމޭ. ރައްޔިތުންގެ އަތަށް އަނބުރާ ގެންދާނަމޭ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ބީއެމްއެލްއިން އެސްޑީއެފްސީ ގަންނަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މުސާރަ ދޭން ފައިސާ ހޯދާ ތަނެއް ގޮތުގައި އެސްޑީއެފްސީ ސަރުކާރުން ބޭނުންކުރަން ފަށާފާނެ ކަމަށެވެ.

އެސްޑީއެފްސީ ވުޖޫދަށް ގެނައީ ކުންފުންޏަށް ގެއްލުންވިޔަސް އެތައް ވިޔަފާރިތަކެއް އުފެދި، އޭގެއިން މުޅި އިގްތިސާދަށްވާ ފައިދާ ބޮޑުވުމުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެކަމަކު ބީއެމްއެލްއިން ވިސްނާނީ ވިޔަފާރިތަކަށްވުރެ ބޮޑަށް އެތަ ނަށް ފައިދާ ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ލުއިކޮށް ކުރަމުން އައި ކަމެއް އެއީ. ބީއެމްއެލްއަށް ގާނޫނީ ގޮތުން ވެސް އެކަން ލުއިކޮށް ކުރެވޭނެ ގޮތެއް ނޯންނާނެ. ހަމަ ޑިފޯލްޓްވާއިރަށް ޖެހޭނީ ކޯޓަށް ދާން އެމީހުންނަށް. އެހެންވެގެން އަޅުގަނޑުމެން ބީއެމްއެލް އޮއްވައި ވަކި އެއްޗެއް ހަދަން ޖެހުނީ. ސީދާ ދައުލަތުގެ އެއްޗެއް ގޮތުގައި،" ފައްޔާޒް ވިދާޅުވި އެވެ.

"އެއްވެސް އާންމު ހިއްސާދާރަކަށް ބައިވެރިނުވާ ގޮތަށް. އެއީ މިކަހަލަ ކަމެއް ފޫބެއްދުމަށްޓަކައި ދައުލަތުން އެ ބުރަ ނަގައިގެން. މިސާލަކަށް ގެއްލުން ވެދާނެ ކަމަށް ބަލައިގެން އެކަން އަޅުގަނޑުމެން ކުރީ. ލޯނު ނުދައްކައި އެތައް ދުވަހެއް ވަންދެން މީހުން ތިބެދާނެކަން ވެސް ބަލައިގެން."

ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ދެން އަންނަ ވެރިކަމެއްގައި އެސްޑީއެފްސީގެ މަސައްކަަތް ފަށާނީ ވެސް މާ ފުރިހަމަކޮށް ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ ބޭންކިން ގާނޫޫނުތަކާ ހިލާފަށެވެ. މިގޮތުން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނާ އެމްއެމްއޭގެ ލިޔުމެއް މިހާރު ވަނީ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ފޮނުވައިފަ އެވެ.

އެކަމަކު އެމްއެމްއޭގެ އިތުރުން ބީއެމްއެލްއިން ވެސް އެކަން ދޮގުކުރެ އެވެ. އަދި ބީއެމްއެލްއިން ކުރިން އެތަން ގަނެފައިވާ ކަމަށް ބުނި ނަމަވެސް، މިހާރު ބުނަނީ އެތަން ގަތުމުގެ މަރުހަލާ ފެށި ކަމަށެވެ.

ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނެފައި ވަނީ އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން ނިންމީ ބޭންކުން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން، ފިނޭންސުން ތައްޔާރުކުރި ކަރުދާހަކަށް، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް ބޭންކިން ގާނޫނު އޮންނަ ގޮތުން ބޭންކުގެ މިލްކުވެރިކަން ބަދަލުވާ ނަމަ ނޫނީ އެއް ބޭންކު އަނެއް ބޭންކާ އެއްވާނަމަ އެ ފަދަ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހެ އެވެ. މާނައަކީ ޕްރޮޕޯސަލެއް ވެސް ހުށަހެޅޭނީ އެމްއެމްއޭގެ ހުއްދަ ނަގައިގެންނެވެ. އެކަމަކު ބީއެމްއެލްއިން މި މުއާމަލާތް ހިންގީ، އެއްވެސް ހުއްދައެއް ނުނަގައި ކަން ވަނީ އެނގިފަ އެވެ.