24 ޖުލައި 2025 - 14:42 0
24 ޖުލައި 2025 - 14:42 0
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންގެ ތަހުގީގު ފައިލްތަކުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނަން އޮތް ކަމަށް އެމަނިކުފާނަށް އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން އަންގާފައިވާ ކަމަށް ވޯލްސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފި އެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕަށް އެ ކަން އެންގީ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ އެވެ. އެ ރިޕޯޓުތައް ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފަ އެވެ.
ތަހުގީގު ރިޕޯޓުތަކުގައި ނަން އޮތުމަކީ ޓްރަމްޕް އެއްވެސް ކުށެއް ކުރެއްވިކަން ޔަގީންކޮށްދޭ ކަމެއް ނޫން ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.
މިދިޔަ އަހަރު ކުރެއްވި ކެމްޕޭނުގައި ޓްރަމްޕް ވަނީ އެޕްސްޓީން ތަހުގީގާ ގުޅޭ ހުރިހާ ފައިލެއް އާންމުކުރާނެ ކަމަށް ވައުދުވެފަ އެވެ. ނަމަވެސް، އެ ވައުދު ނުފުއްދާތީ އާންމުންގެ ނުރުހުން ޓްރަމްޕް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އެޕްސްޓީން އާއި ޓްރަމްޕަކީ މީގެ ކުރިން ވަރަށް ގާތް އެކުވެރިންނެވެ. ނަމަވެސް 2004 ގެ ފަހުން އެޕްސްޓީނާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ޓްރަމަޕް ވިދާޅުވެ އެވެ.
އެޕްސްޓީން މަރުވީ 2019 ވަނަ އަހަރު ނިއު ޔޯކްގެ ޖަލެއްގެ ގޮޅިއެއްގަ އެވެ. އޭނާގެ މަރުވީ އަމިއްލައަށް ކަމަށް ވަނީ ނިންމާފަ އެވެ.
Comment