Advertisement

34 ދުވަސް ތެރޭ މާލެ/ހުޅުމާލެ އިން 24 ދުވަހު ކަރަންޓު ކެނޑިއްޖެ

25 ޖުލައި 2025 - 14:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


34 ދުވަސް ތެރޭ މާލެ/ހުޅުމާލެ އިން 24 ދުވަހު ކަރަންޓު ކެނޑިއްޖެ

25 ޖުލައި 2025 - 14:20 0

ޖޫން 1، ގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓާއި މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނު ފަހުން މި ހިނގައިދިޔަ 34 ދުވަސް ތެރޭގައި މާލެ/ހުޅުމާލެ އިން 24 ދުވަހު ކަރަންޓު ކެނޑުނުކަން ސްޓެލްކޯގެ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ސްޓެލްކޯގެ އެކްސް އެކައުންޓުން އަދި މީޑިއާ ގްރޫޕުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ 55 ދުވަހުގެ ތެރެއިން 24 ދުވަހު ކަރަންޓު ކެނޑުނީ އެކި ސަބަބުތަކާ ހެދި އެވެ. އޭގެ ތެރޭގައި ޓެކްނިކަލް މައްސަލަތަކާއި ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިގޮތުން ކަރަންޓު ކެނޑުނު 24 ދުވަހުގެ ތެރެއިން 19 ދުވަހު ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެ 19 ދުވަހު އެވްރެޖުކޮށް ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރީ ދެ ގަޑިއިރަށެވެ. ނަމަވެސް އެއް ދުވަހު ދެ ގަޑިއިރާއި 30 މިނެޓަށް ވެސް ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރި އެވެ.

ނަމަވެސް ކަރަންޓު ކެނޑުނު 24 ދުވަހުގެ ތެރެއިން ފަސް ދުވަހަކު ކަރަންޓު ކެނޑުނީ ކުރީބައިގައި ނާންގައި އޮއްވަ އެވެ. އޭގެ ތެރެއިން ޖޫން 9، އަދި 10 ގެ އިތުރުން ޖުލައި 22، ގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެކަމަކު ދިމާވި ޓެކްނިކަލް މައްސަލައެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ޖުލައި 22، ގެ ހެނދުނު ހުޅުމާލޭގެ ހުރިހާ ސޯޝަލް ހައުސިން އަކުން ކަރަންޓު ކެނޑި މައްސަލަ ހައްލުވީ ފަހުން އެ ރޭ މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ކެނޑުނެވެ. އެ ދުވަހު ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން ނުބުނެ އެވެ.

މީގެއިތުރުން ކަރަންޓު ކެނޑޭނެކަން އެއް ދުވަސް ކުރިން 12 ދުވަހަކު ހާމަކުރިއިރު، ނުވަ ދުވަހަކު ކަރަންޓު ކެނޑޭނެކަން އެންގީ އެ ދުވަހު އެވެ.

ކަރަންޓު ކެނޑުނު 24 ދުވަހުގެ ތެރެއިން 16 ދުވަހު ކަރަންޓު ކެނޑުނީ މާލެއިންނެވެ. ހުޅުމާލެ/މާލެ އިން އެއްފަހަރާ ކަރަންޓުގެ ހިދުމަތް ހަތް ދުވަހު މެދުކެނޑުނެވެ. އަދި ހުޅުމާލެއިން އެކަނި ކަރަންޓުގެ ހިދުމަތް އެއް ދުވަހު ކެނޑިފައިވެ އެވެ.

މާލޭގެ ގިނަ ސަރަހައްދުތަކުން ވިދިވިދިގެން ކަރަންޓު ކެނޑުނު ދުވަސްތައް ވެސް އެވްރެޖުކޮށް ގިނަ އެވެ. މިގޮތުން ވިދިވިދިގެން ހަތަރު ދުވަހު ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ.

ޖޫން 1، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސްޓެލްކޯއިިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދިނުމުގައި ދަތިތައް ދިމާވަމުން އަންނަ ސަބަބެއް ނޭގެ އެވެ. އެކަމަކު ފަހަކަށް އައިސް ލޯޑު ބޮޑުވުމުން، އެ ލޯޑު ހިފަހައްޓަން ސްޓެލްކޯއަށް ދަތިތަކެއް ދިމާވާނެ ކަމަށް ބެލެވެ އެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދުރާލައި ސަރުކާރުން އަޅާފައެއް ނުވެ އެވެ.

މާލޭގެ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މުއިއްޒު މިދިޔަ ރޯދަ މަހުގެ ކުރިން ވިދާޅުވީ ރޯދަ މަސް ފެށެންވާއިރަށް ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އެކަމަކު ރޯދަ މަސް ނިމި އެތައް ދުވަހެއް ފާއިތުވެދިޔައިރު ވެސް މައްސަލަ ހައްލެއް ނުކުރެވެ އެވެ.