23 ޖުލައި 2025 - 22:55 2
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ވެލިދޫގައި ސީޕްލޭން ދަތުރުތައް ފަށައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
23 ޖުލައި 2025 - 22:55 2
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ވެލިދޫގައި ސީޕްލޭން ދަތުރުތައް ފަށައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ވެލިދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ވިހަފަރުގައި އެއާޕޯޓެއް ގާއިމުކުރެވެންދެން ވެލިދޫއަށް ހާއްސަކޮށްގެން ސީ-ޕްލޭން ޕްލެޓްފޯމެއް އަންނަ ޖެނުއަރީ މަހު ގާއިމުކޮށްދީ އޮޕަރޭޝަން ފަށައިދޭނެ ކަމަށެވެ.
"ދެން އެ އެއާޕޯޓު (ވިހަފަރު އެއާޕޯޓު) ގާއިމު ކުރެވެންދެކަށް ވެސް އަދި ފަހުން ވެސް ބޭނުންވަންޏާ ބޭނުން ކުރުމަށްޓަކައި އަޅުގަނޑުމެން މި ރަށަށް ހާއްސަކޮށްގެން ސީ-ޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ ރެގިއުލާ ސީ-ޕްލޭން އޮޕަރޭޝަން ފަށައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހު ވެލިދޫގައި ސްޓޭޝަން ކޮށްފައި ބާއްވާ ގޮތަށް ސީ-އެމްބިއުލާންސެއް ގާއިމުކޮށްދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވެލިދޫގައި ސީ-ޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށްދީ ސީ-ޕްލޭން އޮޕަރޭޝަން ފަށައިދިނުމުގެ އިތުރުން ސ-އެމްބިއުލާންސްގެ ހިދުމަތް އެ ރަށަށް ހާއްސަކޮށް ދޭނެ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ރޭ ވިދާޅުވީ "ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅުގައި ފެށުމަަށް އަޅުގަނޑު ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް ފަށާނެކަން ތިބޭފުޅުންނަށް އަޅުގަނޑު މި ޖަލްސާގައި އިއުލާނު ކުރަން،" ކަމަށެވެ.
އެ އެއާޕޯޓެއް އެޅުމުގެ ވައުދު މުއިއްޒު ފުރަތަމަ އިއުލާނު ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގަ އެވެ. އެ އެއާޕޯޓުގެ ސަބަބުން ވެލިދޫ، ހޮޅުދޫ، ފޮއްދޫ އަދި މުޅި އެ ސަރަހައްދާއި އަތޮޅަށް ފައިދާ ކުރާނެ ކަމަށް ރައީސް މުއިއްޒު ރޭގެ އިތުރުން މިރޭ ވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ 30 މިނެޓުން ދަތުރު ކުރެވޭ ދުރުމިނުގައި އެއާޕޯޓުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވެސް ސިޔާސަތެއް ކަމަށެވެ.
ނ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުގައި އެމަނިކުފާނު ވެވަޑައިގެންފައި ހުރި ވައުދުތަކުގެ އިތުރުން އިތުރު ވައުދުތަކެއް ވެސް އަންނަނީ ވަމުންނެވެ. އެ ވައުދުތައް އެމަނިކުފާނު ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ 2026 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
Comment