23 ޖުލައި 2025 - 22:43 0
އަމަން ހަލީމް
ހައި ކޯޓަށް މީހަކު ވަންނަނީ: އެ ކޯޓުން ވަނީ ދައުލަތުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައި -- އަދަދު ފައިލް ފޮޓޯ
23 ޖުލައި 2025 - 22:43 0
ޕޮލިސް ބޯޑުން ވަކިކުރަން ނިންމި ފަސް ސީނިއާ އޮފިސަރުންގެ މައްސަލައިގައި ދައުލަތުން ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ހައި ކޯޓުން މި މައްސަލަ ބޭރުކޮށްލީ، މި އޮފިސަރުން ވަކިކުރި ނިންމުން ސިވިލް ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރި އިރު މި މައްސަލައިގައި ހިމެނޭ މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދުގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ނަމަވެސް އަބްދުالله ޝަރީފާއި މުހައްމަދު ދާއުދާއި އިސްމާއިލް ޝަމީމް އާދަމް ތިބީ އަދިވެސް ފުލުހުންގެ ވަޒީފާގަ އެވެ.
މި މައްސަލައިގައި ދައުލަތުން ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަ ހުށަހެޅީ ވަޒީފާގައި ތިބި ފުލުހުންނެވެ. މި ހުށަހެޅުމުގައި ކުރީގެ ދެ އޮފިސަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މި މައްސަލައިގައި ދައުލަތުން އެކި އޮފިސަރުންގެ މައްސަލައިގައި ތަފާތުކުރުން ގެންގުޅެފައިވާ މައްސަލަ ހައި ކޯޓުން މައްސަލަ ބާތިލުކުރަމުން ފާހަގަކޮށްފައި ވެ އެވެ.
އެ ގޮތުން ހައި ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތު ލިބުނު ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް ޝަރީފާއި ދާއޫދޫ ޕްރޮމޯޓުކުރުމަށް ފަހު، ވަޒީފާއިން ވަކިވީ ޖަމްޝީދާއި އަހުމަދު މުހައްމަދު އަލުން ވަޒީފާއަށް ނެރަފައި ނުވާ ކަމަށެވެ.
ވަޒީފާއިން ވަކިވީ ދެ މީހުންނަށް އަލުން ވަޒީފާ ދޭން ދައުލަތުން ދެއްކި ހުއްޖަތަކީ ދަށު ކޯޓުގެ އަމުރު އިސްތިއުނާފުކުރަމުން، ދައުލަތުން އެދިގެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުނުކުރަން އެދި ހައި ކޯޓުން ނެރުނު ވަގުތީ އަމުރެވެ. މި އަމުރު އޮތް ގޮތުން އެ ދެ މީހުން އަލުން ވަޒީފާއަށް ނުނެރެވޭނެ ކަމަށް ބުނުމަށް ފަހު، އެ ހުކުމަށް ރިއާޔަތްކޮށް އެހެން އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިނުމަކީ ތަފާތުކުރުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މި މައްސަލައިގައި ދައުލަތުން އަމަލުކުރި ގޮތުން އިސްތިއުނާފުގެ ނަޒާހާތްތެރިކަމަށް ބުރޫއަރައި، ދައުލަތުގެ ސްޓޭންޑް އޮޅި، ކޯޓުގެ ވަސީލަތްތައް ބޭކާރުވުމުގެ އިތުރުން ޝަރުއީ ނިންމުންތަކުގެ އިތުބާރު ގެއްލި، އިހުތިރާމު ކުޑަވެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ މަގުސަދު ގެއްލިގެންދާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ފަނޑިޔާރު ނިންމެވި ސަބަބުތަކުގެ ތެރޭގައި ސިވިލް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމިއްލަަ އިހުތިޔާރުގައި އޮފިސަރުންތަކަކަަށް ޕްރޮމޯޝަން ދިނުމަށް ފަހު، ދަށު ކޯޓުގެ ނިންމުން ގޯސް ކަމަށް ކޯޓުގައި ބުނުން ފާހަގަކުރެއްވި އެވެ.
"މި އިސްތިއުނާފަކީ، ސަބަބެއް ނުވަތަ ބޭނުމެއްނެތި ކޮށްފައިވާ އަމަލެއްކަމުގައި ބެލެވޭ. ވަގުތު ބޭކާރުކުރުމުގެ އަމަލެއްކަމުގައި ބެލެވޭ. އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ހިންގާ އަމަލެއްކަމުގައި ބެެލެވޭ. އެކަށީގެންވާ ސަބަބެއްނެތި އެހެން ފަރާތަަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތުގެ ބޭނުންކުރުުގެ އަމަލެއްކަމުގައި ބެލެވޭ. އަދި، ކަންހިނގާފައިވާ ގޮތުން، މި އިސްތިއުނާފަކީ ހެޔޮ ނިޔަތާއި، ޝަރީއަތުގެ ނިޒާމުގެ މަގުސަދާއި، އަދުލު އިންސާފު ގާއިމުކުރުމުގައި ޝަރީއަތުގެ ނިޒާމު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފުމާ ތައާރުޒުވާ އަމަލެއްކަމުގައި ބެލެވޭ،" ފަނޑިޔާރު ވިދާޅުވި އެވެ.
މި މައްސަލައި ބޭރުކޮށްލަން ބެންޗުގައި އިންނެވި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއީދުކުރެއްވި ނަމަވެސް ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުالله ގެ ރައުޔުގައި ވިދާޅުވީ، ރިޔާސަތުގައި އިންނެވި ޝަފީއުގެ ރައުޔުގެ ބޮޑު ބަޔަށް ތާއީދުކުރެއްވި ނަމަވެސް، މައްސަލައިގެ މައުލޫގައި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
Comment