Advertisement

ކުރިން ބުނި ގޮތާ ހިލާފަށް ބީއެމްއެލްއިން މިހާރު ބުނަނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ނުނިމޭ ކަމަށް

23 ޖުލައި 2025 - 20:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކުރިން ބުނި ގޮތާ ހިލާފަށް ބީއެމްއެލްއިން މިހާރު ބުނަނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ނުނިމޭ ކަމަށް

23 ޖުލައި 2025 - 20:35 1

ކުރިން ބުނިގޮތާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމުގެ މުއާމަލާތް ނުނިމޭ ކަމަށް ބުނެފި އެވެ.

ބީއެމްއެލްއިން މިދިޔަ އާދީއްތަ ދުވަހު އެސްޑީއެފްސީ ގަނެފައިވާ ކަމަށް ބުނި ނަމަވެސް، މިއަދު އެ ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްޑީއެފްސީ ގަތުމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ. މިގޮތުން އާދީއްތަ ދުވަހު އެ ބޭންކުން އެސްޑީއެފްސީ ގަތް ކަމަށް ބުނުއިރު، ގަތުމުގެ މަރުހަލާ ނުވެސް ފަށަ އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގައި. ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައި،" ބީއެމްއެލްއިން ބުންޏެވެ.

މީގެއިތުރުން ބީއެމްއެލްއިން ބުނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަން ސަރުކާރުގައި އެދުނު ކަމަށާއި އެކަމަށް ރިއާޔަތްކޮށް ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމީ ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ ބޭންކިން ގާނޫޫނުތަކާ ހިލާފަށެވެ. މިގޮތުން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނާ އެމްއެމްއޭގެ ލިޔުމެއް މިހާރު ވަނީ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ފޮނުވައިފަ އެވެ.

ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނެފައި ވަނީ އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން ނިންމީ ބޭންކުން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން، ފިނޭންސުން ތައްޔާރުކުރި ކަރުދާހަކަށް، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް ބޭންކިން ގާނޫނު އޮންނަ ގޮތުން ބޭންކުގެ މިލްކުވެރިކަން ބަދަލުވާ ނަމަ ނޫނީ އެއް ބޭންކު އަނެއް ބޭންކާ އެއްވާނަމަ އެ ފަދަ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހެ އެވެ. މާނައަކީ ޕްރޮޕޯސަލެއް ވެސް ހުށަހެޅޭނީ އެމްއެމްއޭގެ ހުއްދަ ނަގައިގެންނެވެ. އެކަމަކު ބީއެމްއެލްއިން މި މުއާމަލާތް ހިންގީ، އެއްވެސް ހުއްދައެއް ނުނަގައި ކަން ވަނީ އެނގިފަ އެވެ.

މި މައްސަލައިގައި މައުލޫމާތު އެނގޭ މީހަކު ބުނީ އެމްއެމްއޭއިން ވަނީ އިޖުރާއަތުތައް ރަނގަޅަށް ހިންގުމަށް ފަހު، އަލުން މި މުއާމަލާތް ހިންގަން އިރުޝާދު ދީފަ އެވެ.

މިކަމާ ގުޅިގެން އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ އެކަމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުތޯ ބަލާފައިވާ ކަމަށާއި އެ އޮތޯރިޓީން ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގީ ގާނޫނާ ހިލާފަށް ކަމަށް ކަނޑަ ނާޅާ ކަމަށެވެ.

މީގެއިތުރުން އެމްއެމްއޭއިން ބުނީ ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތުގެ ހުރިހާ ކަމެއް ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށެވެ.