Advertisement

ގެއްލިގެން ހޯދަމުންދިޔަ ޔާމީން ވަނީ ބްރިޖު މަތިން ފުންމާލާފައި: ފުލުހުން

22 ޖުލައި 2025 - 18:26 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގެއްލިގެން ހޯދަމުންދާ ޔާމީން. ބްރިޖު މަތިން ޔާމީން މޫދަށް ފުންމާލާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި -- ފޮޓޯ: އަދަދު


ގެއްލިގެން ހޯދަމުންދިޔަ ޔާމީން ވަނީ ބްރިޖު މަތިން ފުންމާލާފައި: ފުލުހުން

22 ޖުލައި 2025 - 18:26 1

މިމަހުގެ 11 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހަސަން ޔާމީން، 30، ގ. ގާނެޓް ވަނީ ސިނަމާލެ ބްރިޖު މަތިން މޫދަށް ފުންމާލާފައި ކަމަށް ފުލުހުން ބުނެފި އެވެ.

ދާދި ދެންމެއަކު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 3:4 ހާއިރު ސިނަމާލެ ބްރިޖުން އޭނާ ފުންމާލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

"ހަސަން ޔާމީން ހޯދުމަށް ތަހުގީގު ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާ ކުރެވިފައިވެ އެވެ. މިގޮތުން ޖުލައި 13، 2025 ވަނަ ދުވަހުގެ ފަތިހު 3:24 އެހާކަށްހާއިރު ހަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓިވީ ފުޓޭޖުން ފެނިފައިވެ އެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ތަހުގީގަށް އެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހާއި ކޯސްޓްގާޑު ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ޔާމީން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ޖުލައި 14 ވަނަ ދުވަހު ޔާމީންގެ އާއިލާއިންނެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ޔާމީން އެންމެފަހުން އާއިލާއަށް ފެނިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ކަމަށެވެ. އެރޭ ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން އޭނާ ދިޔަފަހުން އާއިލާއަށް ހަބަރެއް ނުވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުންޏެވެ.

ޔާމީން ގެއްލުނު ހާދިސާއާ ގުޅިގެން ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށާއި ހަމައެކަނި ފުލުހުންގެ ފަރާތުން ރަސްމީކޮށް ހިއްސާ ކުރާ މައުލޫމާތަށް ހުރިހާ ފަރާތްތަކުން ވެސް ބަރޯސާވުމަށް ފުލުހުން އެދިފައިވެ އެވެ.

ޔާމީން ހޯދުމަށް ފުލުހުން ހިންގާ ތަހުގީގުގެ ތެެރެއިން ޔާމީން ދިރިއުޅުނު އެޕާޓްމެންޓް ވެސް ފުލުހުން ވަނީ މީގެ ކުރިން ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އެއްވެސް އަމަލެއް އެތަނުގައި ހިނގާފައިވާކަމުގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށް ފުލުހުން އޭރު ބުންޏެވެ.