Advertisement

މާޅެންދޫއަށް ތޮޅެންދޫ ދޭން ހުރަސް އަޅަނީ އަތޮޅު ކައުންސިލުން: ރައީސް

22 ޖުލައި 2025 - 14:49 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މާޅެންދޫއަށް ތޮޅެންދޫ ދޭން ހުރަސް އަޅަނީ އަތޮޅު ކައުންސިލުން: ރައީސް

22 ޖުލައި 2025 - 14:49 1

އެއްވެސް ބަޔަކާ ދެކޮޅަށް ދުވަހަކު ވެސް ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވުމަށް ފަހު ޝަރުއީ ކޯޓަކުން ނެރެފައިވާ ހުކުމެއްގެ ޒިންމާ ނަގަން ޖެހޭނީ ނ. އަތޮޅުގެ ކައުންސިލުން ކަމަށް ދޭހަވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފި އެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މާޅެންދޫގައި ހުުންނަވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ތޮޅެންދޫ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސިފައި ނުވަނީ ކޯޓުގައި މައްސަލަ އޮތުމުން ކަމަށެވެ.

"މި އަތޮޅުގެ އަތޮޅު ކައުންސިލުން މައްސަލަ ހުށަހަޅައިގެން މި އުޅެނީ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހަޅައިގެން އަމުރެއް ނެރެފައި މިއޮތީ [ކޯޓުން]. ދެން އަތޮޅު ކައުންސިލުން ކޯޓަކަށް ހާޒިރެއް ނުވޭ. ހާޒިރު ނުވީމަ މައްސަލަ ނުހިނގައިގެން މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ރިޔާސީ ވައުދު ފުއްދުމަށް ހުރަސް ކުރިމަތިކޮށްފައި ވަނީ ނ. އަތޮޅު ކައުންސިލުން ކަމަށާއި އެ ކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް އެޓާނީ ޖެނެރައަލް އަހްމަދު އުޝާމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލުން މި ކަމަށް ހުރަސް އަޅަމުން ދަނީ. އެހެންވީމާ މިއީ އެކަން އޮތް ގޮތް. އަޅުގަނޑު އަބަދުވެސް މިއީ ކަންކަން އޮންނަ ގޮތް ދަންނަވާ މީހެއް. އެއްވެސް މީހަކާ ދެކޮޅަށް ދުވަހަކު ވެސް ވާހަކަ ދައްކާ މީހެއް ނޫން، ބަޔަކާ ދެކޮޅަށް،" ރައީސް ވިދާޅުވި އެވެ.

ނ. އަތޮޅު ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އަތޮޅު ކައުންސިލްގެ ފަރާތުން ފިޝަރީޒް މިނިސްޓްރީއަށް ތޮޅެންދޫއާ ގުޅޭ ގޮތުން ކުރި މަޝްވަރާއާ ހިލާފަށް 21 އަހަރަށް އެ ރަށް ކުއްޔަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރަމުންދާ ބުނެ، އެކަން ހުއްޓުވުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމެއް ނެރުނީ މާޗު 16، 2022، ގަ އެވެ. އެ އަމުރު ބާތިލު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން ޖޫން 30، 2022، ގައި ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކުރި އެވެ. އެއަށްފަހު މައްސަލަ އިސްތިއުނާފު ކުރީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ ތޮޅެންދޫ ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، އެ މައްސަލައިގައި ގޮތެއް ނިންމަންދެން އެ ރަށް އެހެން ފަރާތަކަށް އެވޯޑުކޮށް އެހެން ފަރާތެއްގެ މަސްލަހަތު އެ ރަށުގެ މައްޗަށް އުފަންކުރުވަފާނޭފަދަ އެެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންގާ ކަމަށެވެ.

ސިވިލް ކޯޓުން ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމުގެ ގާނޫނުގައި އަތޮޅު ކައުންސިލަށް ނިސްބަތްވާ ދާއިރާގެ ފަޅުރަށްރަށާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަން، ކުއްޔަށްދޭން އަދި ވަރުވާއަށް ވެސް ދޭން ވާނީ އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން ކަމަށް ބަޔާންކުރާކަން ފާހަގަކޮށްފަ އެވެ.

ތޮޅެންދޫއަކީ މީގެކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ކެނދިކުޅުދޫއަށް ބަދަލުވުމާ އެކު ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސީ ޑިސެމްބަރު 30، 1992 ގަ އެވެ. އެ ރަށް ފަޅުވުމާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު އެ އަހަރު 199 އަށް ދަށްވި އެވެ.