Advertisement

ހޮސްޕިޓަލަށް ދާ މީހުންނަށް މަރުހަބާ ކިޔަން 55 ވަޒީފާ އައިޖީއެމްއެޗުން އުފައްދައިފި، ޝަރުތަކީ ގްރޭޑް ހަތެއް ނިމިފައިވުން

22 ޖުލައި 2025 - 13:57 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަޔަކު ވަންނަނީ.


ހޮސްޕިޓަލަށް ދާ މީހުންނަށް މަރުހަބާ ކިޔަން 55 ވަޒީފާ އައިޖީއެމްއެޗުން އުފައްދައިފި، ޝަރުތަކީ ގްރޭޑް ހަތެއް ނިމިފައިވުން

22 ޖުލައި 2025 - 13:57 2

ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔައި މަގު ދެއްކުމަށް 55 ވަޒީފާ އުފައްދައި އެ މަގާމުތަކަށް މީހުން ނެގުމަށް މާލެ ސަރަހައްދުގެ ހޮސްޕިޓަލުތައް ހިންގާ އައިޖީއެމްއެޗުން އިއުލާންކޮށްފި އެވެ.

"ޕޭޝަނަޓް ސަޕޯޓް ކޯޑިނޭޓާ" ގެ ނަމުގައި އުފައްދާ މި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސަސްގަ އެވެ. މިއީ ކޮންޓްރެކްޓް ވަޒީފާތަކަކެވެެ.

މި މަގާމުގެ ޝަރުތުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާއެކު ގުޅޭ ދާއިރާއަކުން ހަތަރު އަހަރު މަސައްކަތުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތައް

  • ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގު ދެއްކުމާއި އެހީތެރިކަން ފޯރުކޮށްދިނުން
  • ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެ މައްސަލަތައް ހައްލުކޮށްދިނުން
  • ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން
  • ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު، މާހައުލާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން
  • އެކިއެކި މީހުންގެ ހިޔާލު އެއްކުރުމާއި ތަޖުރިބާތައް މޮނީޓަރު ކުރުން
  • އޯގާތެރިކަމާއި، ހަމްދަރުދީވުމާއި އަދި ހިނިތުންވުމާ އެކުމުއާމަލާތް ކުރުން
  • ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

މި ވަޒީފާގެ މުސާރަ އައިޖީއެމްއެޗުގެ އިއުލާނުން ފެންނަން ނެތެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 29، ކަމަށް އޮތް ނަމަވެސް ޖުލައި 23 އިން 30 އަށް އިންޓަވިއު ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުގެ އިއުލާނުގައި ބުނެފައިވެ އެވެ.

ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި ތަމްރީނުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ އާއި މަގާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި "އެހެނިހެން ސިފަތަކަށް" ބަލާނެ ކަމަށް އައިޖީއެމްއެޗުގެ އިއުލާނުގައި ބުނެފައި ވެ އެވެ.