Advertisement

އައިޖީއެމްއެޗްގައި ހުމާއި އަރިދަފުސް ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށްފި

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކް ގާއިމުކޮށްފައިވާތަން -- ފޮޓޯ: އައިޖީއެމްއެޗް


އައިޖީއެމްއެޗްގައި ހުމާއި އަރިދަފުސް ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށްފި

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުމާއި އަރިދަފުސް ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށްފި އެވެ.

އައިޖީއެމްއެޗް އިން ބުނީ އަލަށް ގާއިމުކުރި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ.

ފްލޫ ކްލިނިކަށްދާ ހުރިހާ އެންމެން ފުރަތަމަ އީއާރް ޓްރައިޖަށް ދިޔުމަށް އައިޖީއެމްއެޗް އިން އެދެ އެވެ.

މިގޮތުން ކިއުބީ ޓޯކަން ސިސްޓަމުން ފްލޫ ކްލިނިކުގެ ޓޯކަން ނަންބަރު ނަގައިގެން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އަދި އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހި ދަތުރުކުރާ ދުވަސްވަރެއްކަމުން ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އަރިދަފުސް ރޯނގާ ޖެހިގެން 28،619 މީހުން ޑޮކްޓަރަށް ދައްކާފައިވެ އެވެ. މިދިޔަ މަހު ބޭރަށް ހިންގައިގެން 2،931 މީހުން ޑޮކްޓަރަށް ދައްކި އެވެ.

މީގެއިތުރުން މިދިޔަ މަހު ޑެންގީހުމަށް 413 މީހުން ޕޮޒިޓިވްވެފައިވާއިރު، އިންފްލުއެންޒާއަށް ޖުމްލަ 152 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.