Advertisement

ބޭހަށް ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުކުރަން ރައީސް ނިންމެވީ މަޝްވަރާނުކޮށް

22 ޖުލައި 2025 - 14:35 2

ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން ނޮވެމްބަރު 18، 2024 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: ޑޮލަރު މާރުކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރާނެ ކަަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ބޭހަށް ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުކުރަން ރައީސް ނިންމެވީ މަޝްވަރާނުކޮށް

22 ޖުލައި 2025 - 14:35 2

ޑޮލަރު ތާށިކަން އިންތިހާގައި އޮއްވާ، ޑޮލަރު ސަޕްލައިއަށް އިތުރަށް ވާން ކުރާ ގޮތަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ އެހީގައި އާއި އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރު ލިމިޓު ބޮޑުކުރީ އެއްވެސް ބަޔަކާ މަޝްވަރާނުކޮށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ބޭސް ފަރުވާއަށް ފުރާ ކޮންމެ ބަލި މީހަކަށް 2000 ޑޮލަރާ ހަމައަށް އަދި އަމިއްލަ ހަރަދުގައި ބޭސް ފަރުވާ ފުރާ ކޮންމެ ބަލި މީހަކަށް 1000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދޭން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި މިކަން ހަމަޖައްސައިދޭން ކަމާބަހޭ ފަރާތްތަކަަށް އެންގެވި ކަމަށް ވިދާޅުވި ނަމަވެސް، ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް ބުނީ، ބޭސް ފަރުވާއަށް ފުރާ މީހުންނަށް ވިއްކާ ޑޮލަރު ލިމިޓު އިތުރުކުރުމުގެ މަޝްވަރާއެއް ކުރިން އެއްވެސް ވަރަކަށް ނުކުރާ ކަމަށެވެ.

"ޑޮލަރު ލިމިޓު އިތުރުކުރުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި ވާހަކަ ދެކެވުނީ ކާޑުތަކާއި ބޭރަށް ފުރާ މީހުންނަށް ވިއްކާ ޑޮލަރާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން. ބޭސް ފަރުވާގެ ބޭނުމަށް ޑޮލަރު އިތުރުކުރުމުގެ ވާހަކަ އައީ ކުއްލިއަކަށް،" ނަން ނުޖަހާ ގޮތަށް ވާހަަކަ ދެއްކި އެ މީހާ ބުންޏެވެ.

މައުލޫމާތު ދިން މަސްދަރުން ފާހަގަކުރި ގޮތަށް، ކުއްލިއަކަށް މި ގޮތަށް ޑޮލަރު ލިމިޓު އިތުރުކުރުމަކީ ޑޮލަރު ތާށިކަމަށް އިތުރަށް ވާންކުރާނެ ކަމެކެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ އޮފިޝަލަކާ ސުވާލުކުރުމުން ކުރިން މަޝްވަރާނުކުރާ ކަމަށް ކުރި ސުވާލަކަށް ސީދާ ޖަވާބެއް ނުދެ އެވެ. ހަމައެކަނި ބުނީ، ކަންކަން ނިންމާނީ މަޝްވަރާކުރަން ޖެހޭ ބަޔަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އެގޮތަށް އެކަން ކުރައްވަން އެދިވަޑައިގެންފައި އޮތީ، ދެން އެކަން ކުރަންވާނީ މަޝްވަރާ ކުރައްވަން ޖެހޭ ފަރާތްތަކާ ކުރައްވާފަ،" އޮފިޝަލް ބުންޏެވެ.

ޑޮލަރު ލިމިޓުތައް އުވާލުމާއި ބޭރުގައި ކިޔަވާ ކުދިންނާއި ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް، 2027 ގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ މިކަމަށް ފަހިކުރަން ކޮށި މަގު ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނަނީ ޑޮލަރު ރޭޓު އުފުލެމުން ދަނީ، ޒަމާނުއްސުރުން ހުރި ޑިމާންޑާ އެއް ވަރަށް ޑޮލަރު ނުލިބޭ މައްސަލަ ހައްލުނުކޮށް، ގަދަ ބާރުން ޑޮލަރު މައްސަލަ ހައްލުކުރަން އުޅޭތީ އެވެ. މިއަދު ވެސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.20ރ. އަށެވެ.