22 ޖުލައި 2025 - 07:39 0
22 ޖުލައި 2025 - 07:39 0
ސިންގަޕޫރު (ޖުލައި 22) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބާއްވަމުން އަންނަ ޓީ20 ވޯލްޑް ކަޕްގެ 2028 ވަނަ އަހަރު ބާއްވާ މުބާރާތުން ފެށިގެން 32 ޓީމަށް ވާދަކުރެވޭ ގޮތެއް ހެދުމުގެ ޕްރޮޕޯސަލަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ޕްރޮޕޯސަލާ މެދު މަޝްވަރާ ކުރަން ފެށުނީ ދާދި ފަހުން، ސިންގަޕޫރުގައި ބޭއްވި އައިސީސީގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަންނަ އަހަރު އިންޑިއާ އާއި ސްރީ ލަންކާގައި ހޯސްޓްކުރާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، 2024 ވަނަ އަހެރެކޭ އެއް ގޮތަށް ވާދަކުރާނީ 20 ޓީމެވެ. އަދި، މުބާރާތް ރޭވިފައިވާ ފޯމެޓަކީ، ފަސް ޓީމު ހިމެނޭ ހަތަރު ގްރޫޕަކަށް ޓީމުތައް ބަހާލުމަށް ފަހު، އޭގެތެރެއިން، ގަދަ އަށް ޓީމުގެ ބުރެއް، ސުޕަ އެއިޓްގެ ނަމުގައި ކުޅެ، އޭގެއިން ސެމީ ފައިނަލަށް އަދި ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަނޑައެޅޭ ގޮތަށެވެ.
އިޓަލީން އަންނަ އަހަރުގެ ޓީ20 ވޯލްޑް ކަޕަށް ކޮލިފައިވިއިރު، މިއީ އެ ޓީމުން ޓީ20 ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަަމަ ފަހަރެވެ. އައިސީސީން ދެކޭގޮތުގައި، 2028 ވަނަ އަހަރުގެ މުބާރާތުގައި 32 ޓީމަށް ފުރުސަތު ދީފިނަމަ، ދުނިޔޭގެ މުބާރާތުގައި އާ ގައުމުތައް ވާދަކުރާ ނިސްބަތް އިތުރުވެ، މި ކުޅިވަރުގެ މަގުބޫލުކަން ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޓީ20 ވޯލްޑް ކަޕްގައި 32 ޓީމަށް ވާދަކުރެވޭ ޕްރޮޕޯސަލާ މެދު މަޝްވަރާ ކުރަން ވަނީ ހަ މެމްބަރުން ހިމެނޭ ވޯކިން ގްރޫޕެއް ނަގައިފަ އެވެ. އެ ގްރޫޕްގައި، ކްރިކެޓްގެ ގަދަބާރުތައް ކަމަށްވާ އިންޑިއާ، އޮސްޓްރޭލިއާ، ނިއު ޒީލެންޑް، އަދި އިންގްލެންޑްގެ އޮފިޝަލުން ހިމެނެ އެވެ.
Comment