22 ޖުލައި 2025 - 09:09 8
ލީވާން އަލީ ނާސިރު
22 ޖުލައި 2025 - 09:09 8
ހުޅުމާލޭގައި ތަރައްގީކޮށް މިހާރު ހަވާލުކުރަމުންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ 4000 ހައުސިން ޔުނިޓަށް ސަބްސިޑީ ލިބޭނެ ކަމަށް ބުނެ އޮޅުވާލައި، ކުލި ނުދައްކައިފި ނަމަ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތް ހަދައިފި އެވެ.
އެފްޑީސީން އިއްޔެ ނެރުނު ނޫސް ބަޔާނުގައި އަދި ކުރިން ކުރި އިއުލާނުގައި ވަނީ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 25،000ރ. ދައްކަން ޖެހޭނެ ކަމަށެވެ.
މެއިންޓެނަންސް ފީ ގޮތުގައި 1،000ރ. އާއެކު ދެ ކޮޓަރީ ފްލެޓެއްގެ ޖުމުލަ ދައްކަންޖެހޭ ކުއްޔަކީ 8،000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓެއްގެ މެއިންޓެނަންސް ފީގެ ގޮތުގައި 1500ރ. އާއެކު މަހަކު ޖުމުލަ ދައްކަން ޖެހެނީ 10،500ރ. އެވެ.
މަހުގެ 10 ވަނަ ދުވަހުގެ ކުރިން މެއިންޓެނަންސް ފީ އާއި ކުލި ދައްކައިފި ނަމަ ސަބްސިޑީ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވާއިރު، ސަރުކާރުން ސަބްސިޑައިޒްކުރާ މިންވަރެއް ހާމައެއް ނުކުރެ އެވެ. އެހެންވެ، މި ސަބްސިޑީގެ ނަމުގައި ނަގަނީ ޖޫރިމަނާއަކަށް ބެލެވެ އެވެ.
އެފްޑީސީން އިއްޔެ ކުރި އިއުލާނުގައި 4000 ހައުސިން ޔުނިޓުގެ އެއްބަސްވުންތަކަކީ، ޝަރީޢާގެ ހަމަތަކާއި އެއްގޮތަށް ހަދާ އެއްބަސްވުންތަކެއް ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން ސަބްސިޑައިޒްކުރާ އަގެއް ހާމަނުކޮށް އެފްޑީސީން ބުނެފައި ވަނީ މަހު ކުއްޔާއި މެއިންޓެނަންސް ފީ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، 100 ޕަސެންޓު ސަބްސިޑީގެ މަންފާ ލިބިގެންދާނެ ކަމާއި މަހެއްގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ހާލަތުގައި، އެ ޕަސެންޓަށް ބަދަލު އަންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އެ ބަދަލުތަކަކީ:
އެމްޑީޕީ ސަރުކާރުން ބިނާކުރި 4000 ފްލެޓުތަކުގެ ކުލީގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅި އަދަދުތަކަކީ އެ ތަން އިމާރާތް ކުރަން ނެގި ލޯނު ދެއްކޭ ވަރުގެ އަދަދުތަކެއް ނޫން ކަމަށް ހައުސިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު މި އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވެފައިވެ އެވެ.
ލޯނު ދެއްކޭ ވަރަށް ފައިސާ ހޯދާ ނަމަ ދެ ކޮޓަރީގެ ފްލެޓަކުން މަހު ކުއްޔަށް 9,000ރ. އަދި ތިން ކޮޓަރީގެ ފްލެޓުތަކުން މަހު ކުއްޔަށް 13,000ރ. ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ކުރި އިއުލާނުގައި އޮތީ ދެ ކޮޓަރި އެޕާޓަމަންޓަކަށް 5,000ރ. އަދި މެއިންޓެނަންސް ފީއަށް 1000ރ. އަދި ތިން ކޮޓަރި އެޕާޓްމަންޓަކަށް 7,000ރ. އަދި މެއިންޓެނަންސް ފީއަށް 1,000ރ. އެވެ.
މުއްތޮލިބު ވިދާޅުވީ މިއީ އިންސާފުވެރިކޮށް ކަނޑައަޅާފައި ހުރި އަދަދުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެފްޑީސީގެ ފްލެޓުތައް އިމާރާތްކުރަން ނެގި ލޯނުގެ މިންވަރު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ އަށް އަރަ އެވެ.
Comment