21 ޖުލައި 2025 - 18:53 0
ލީވާން އަލީ ނާސިރު
ޑޮލަރު އޭޓީއެމް މީހަކު ބޭނުންކުރަނީ. ބޭންކުތައް މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް ލިބޭ ޑޮލަރުގެ ލިމިޓު ބޮޑުކުރަން ވަނީ ނިންމާފައި
21 ޖުލައި 2025 - 18:53 0
އަންނަ އޮގަސްޓް 1، އިން ފެށިގެން އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންގެ ޑޮލަރު ލިމިޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރާ މީހުންގެ ޑޮލަރު ލިމިޓް 2،000 އަށް ބޮޑުކުރަން އަންގާފައިވާ ކަމަށެވެ.
އެ ނިންމުމުގެ އިތުރުން އަމިއްލަ ހަރަދުގައި ބޭރަށް ބޭސްފަރުވާއަށް ދާނަމަ 1،000 ޑޮލަރު ބޭންކުން ގަންނަން ލިބޭ ގޮތަށް ވެސް ހަމަޖައްސަން އަންގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށާއި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ ދަންނަވާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށްދާ މީހުންގެ ޑޮލަރު ލިމިޓް ބޮޑުކުރަން ނިންމީ ބޭސްފަރުވާއަށްދާ މީހުންނަށް ފަސޭހައިން ޑޮލަރު ހޯދުމަށް ލުއިފަސޭ ކުރުމުގެ ގޮތުން ކަމަށެވެ.
މި ނިންމެވުން ރައީސް ނިންމަވާފައި މިވަނީ ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.20 ޑޮލަރަށް އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ޑޮލަރުގެ އަގު ނުއުފުލޭހާ ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.
ޑޮލަރުގެ އަގު އުފުލުމާއެކު ވިޔަފާރިވެރިންނަށް ވެސް ޑޮލަރު ހޯދުމަށް ދަތިތައް ދިމާވެ، ތަކެތީގެ އަގުތައް ވެސް ވަނީ އުފުލެން ފަށާފަ އެވެ. އަދި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ވެސް ޑޮލަރު ހޯދުމަށް އަންނަނީ ދަތިތައް ދިމާވަމުންނެވެ.
ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment