Advertisement

އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި ގްރޭޓާ މާލެ ސަރަހައްދު ވަށައިގެންވާ ކަނޑުގެ 19 ދިމާލަކުން މާދަންރޭ ހަވާ އަރުވަނީ

25 ޖުލައި 2025 - 20:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާދަންރޭ މާލެ އާއި ހުޅުމާލެ އަދި ގުޅީފަޅާއި ގިރާވަރު ފަޅު ވަށައިގެންވާ ބޮޑު ކަނޑުގެ ސަރަހައްދުގައި ހަވާ އަރުވާނެ --- ފޮޓޯ: އަދަދު


އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި ގްރޭޓާ މާލެ ސަރަހައްދު ވަށައިގެންވާ ކަނޑުގެ 19 ދިމާލަކުން މާދަންރޭ ހަވާ އަރުވަނީ

25 ޖުލައި 2025 - 20:43 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި މުޅި ގްރޭޓާ މާލެ ސަރަހައްދު ވަށައިގެން ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގިރާވަރުފަޅު ހިމެނޭ ކަނޑުގެ ބޮޑު ސަރަހައްދު ވަށައިގެން 19 ދިމާލަކުން ހަ މިނެޓު ވަންދެން ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.

"ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ޖުލައި 26، ގެ ރޭ 8:30 ހާއިރު، ހަ މިނެޓު ވަންދެން ހަވާ އަރުވާ ގޮތަށް ވަނީ ހަމަޖެހިފަ،" އެމްއެންޑީއެފްގެ ޕޯސްޓުގައި ބުންޏެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑުކޮށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދާ ފަހަރެވެ. މީގެ ކުރިން އެންމެ ބޮޑުކޮށް ހަވާ އެރުވުމުގެ ކުޅިވަރު ކުޅެފައި ވަނީ 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުމުގެ މުނާސަބަތުގަ އެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އެހައި ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމާފައިވާއިރު، އެ ކަމަށް ކުރާ ހަރަދު އަދި މިހާތަނަށް ސަރުކާރުން ވެސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން އަދަދު އާ ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 90 މިލިއަނާއި 100 މިލިއަން ރުފިޔާ އާ ދެމެދުގެ ހަރަދެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ހަވާ އެރުވުމުގެ އިތުރުން ވެސް އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި ބައެއް އެހެން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެެސް އެމްއޭސީއެލް އާއި ސަރުކާރުން ވެސް އެ ދުވަހަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މާދަންރޭ ޑްރޯން ޝޯއެއް ވެސް ބާއްވަން އެމްއޭސީއެލްއިން އަންނަނީ ތައްޔާރުވަމުންނެވެ. އެ ޑްރޯން ޝޯއާ ގުޅުވައި އެކި ގޮތްގޮތަށް ވާހަކަތައް ފެތުރެމުން އަންނައިރު، އެ ރަސްމިއްޔާތަށް ކުރާ ހަރަދުގެ ބޮޑު ބަޔަކީ މި ޝޯއަށް ހިނގާ ހަރަދު ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި މި ޝޯގެ ތެރެއިން ރައީސްގެ ސޫރަ ފެންނަ ގޮތަށް ޑްރޯންތައް އެތުރިލާ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި އެއްކޮށް ބޭނުން ކުރަން ފެށުމުން އެއާޕޯޓުން އަހަރަކު ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރުވާނެ އެވެ. އަދި މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފުރާ މީހުންނަށް ދެވޭނެ މަގު ފަހި ވެގެން ދާނެ އެވެ.

ގާތްގަނޑަކަށް ނުވަ އަހަރުން ނިންމި މި ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު މަސައްކަތެވެ. މުޅި މި ޕްރޮޖެކްޓަށް 812 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.