Advertisement

އެއްވެސް މަޝްރޫއުއެއް ނުފެށި ވަނިކޮށް 2026 ގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ބޯހިޔާވަހިކަމަށް ހާއްސަކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

21 ޖުލައި 2025 - 14:54 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: 2026 ގެ ބަޖެޓުގައި ބޯހިޔާވެހިކަމަށް އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އެއްވެސް މަޝްރޫއުއެއް ނުފެށި ވަނިކޮށް 2026 ގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ބޯހިޔާވަހިކަމަށް ހާއްސަކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

21 ޖުލައި 2025 - 14:54 1

ބޯހިޔާވަހިކަމުގެ ބޮޑު އައު އެއްވެސް މަޝްރޫއުއެއް މިހާތަނަށް ފެށިފައި ނުވަނީސް އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން މާފަރަށް ވަޑައިގެން ވިދާޅުވީ ސަރުކާރުގެ އައު ޕޮލިސީގެ ދަށުން އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށެވެ.

"އެހެންވީމަ އިރާދަކުރެއްވިއްޔާ 2026 ގެ ތެރޭގައި ބެޖެޓުގެ ތެރެއިން އަޅުގަނޑުމެން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި ބޯހިޔާވެހިކަމަށް އަންނަ އަހަރަށް ވެސް ކަނޑައަޅާނެ އެއް ބިލިއަން ރުފިޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މި އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ. އެކަމަކު މި އަހަރުގެ ބަޖެޓަށް ބޯހިޔާވެހިކަމަށް ކަނޑައަޅާފައި ވަނީ މިދިޔަ އަހަރަށްވުރެ މަދު އަދަދެއްކަން ފާހަގަކުރެވެ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް 3.4 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށް ބުނެ ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހިމެނީ 2.7 ބިލިއަން ރުފިޔާކަން ފާހަގަކޮށްލެވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރު ފުރިފައިވާއިރު މިހާތަނަށް އެމަނިކުފާނުގެ އެންމެ ބޮޑު ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ނުފެށެ އެވެ. ހާއްސަކޮށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ނުދާއިރު، މި ދައުރުގައި އެތަން ނިމޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ރައީސް މުއިއްޒު މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި އިތުރަށް ވިދާޅުވީ މާފަރަށް ދިމާވެފައި އޮތް ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް އަންނަ އަހަރަށް ކަނޑައަޅާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި އެ ރަށް ހިމަނާނެ ކަމަށެވެ.

"ހުރިހާ ރައްޔިތުންނަށް އެންމެ މުހިންމު ކޮމަން އެއް ކަމަކީ ގެދޮރުގެ މައްސަލަ، ބޯހިޔާވެހިކަން. އެހެންވީމަ އެއީވެސް ހަމަ އަޅުގަނޑުމެން މި ރަށަށް ވެސް ވަރަށް އިސްކަން ދޭ ކަމެއް. މި އަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭން ކޮށްގެން މިއުޅެނީ މި ރަށުގައި ބޯހިޔާވެހިކަމުގެ މަޝްރޫއެއް ހިންގަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ވިލިމާލޭގައި 5،000 ހައުސިން ޔުނިޓުގެ މަޝްރޫއަކާއި 18 އަހަރު ވެފައިވާ ކޮންމެ ދިވެއްސަކަށް ފްލެޓު ނުވަތަ ގޯތި ދިނުމަށް މާލެ ސަރަހައްދުގައި ގޯއްޗާއި ފްލެޓް ހިމެނޭހެން 65،000 ގެދޮރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ.