21 ޖުލައި 2025 - 09:26 3
21 ޖުލައި 2025 - 09:26 3
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ފަނޑިޔާރު އަބްދުﷲ ހަމީދާ ހަވާލުކޮށްފި އެވެ.
ހަމީދަކީ، އާންމުކޮށް ހުޅުވައިނުލާ ސަރުކާރުން ބައެއް ފަނޑިޔާރުންނަށް ދިން ފްލެޓު ގަބޫލު ކުރުމުން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ވަކި ކުރި ބޭފުޅެކެވެ. އޭނާ މަގާމުން ވަކި ކުރީ ޖޫން 6، 2022، ގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަނޑިޔާރުންނަށް ފްލެޓު ދޭން ނިންމީ، ސަރުކާރުން ބޭނުންވާ ގޮތަކަށް ކޯޓުން ކަންކަން ނިންމައިދޭތީ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންނަށް ދިން ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހަމީދު އައްޔަން ކުރީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ގައިރު ގާނޫނީކޮށް ވަކިކޮށް، ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގަ އެވެ.
މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment