ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށްގެންދާ ޓީ20 ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެސް ސީބީއެލް މޮޅުވެ، ތާވަލުގެ ކުރީގައި، ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ހަފްތާ ބަންދުގައި އެކަނި ކުޅޭ ގޮތަށް ޝެޑިއުލް ހަދާފައިވާ މި މުބާރާތުގައި، މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު، ތާވަލުގެ އެއް ވަނައިގައި، ސީބީއެލް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، މިލާން ކްރިކެޓް އެކަޑަމީ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.
ތިން ވަނައިގައި އޮތް ނިއު ސްޓާ އަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އެމްއެސްހެލްޕިން ހޭންޑްސް (އެމްއެސް އެކަޑަމީ) އަށް ހަތަރު މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފަސް ވަަނައިގައި އޮތް، މާލެ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން އެއް ޕޮއިންޓް އަދި ފުލުގައި އޮތް އޮއްފު އެފްސީ އަށް ވެސް ހަތަރު މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗު، ސީބީއެލް އިން ކާމިޔާބުކުރީ ނުވަ ވިކެޓުންނެވެ. އެއީ، ނިއުސްޓާއާ ބައްދަލުކޮށް ސީބީއެލް އިން ހޯދި މޮޅެކެވެ. އަދި، ދެ ވަނަ މެޗުން މާލޭ ސްޕޯޓްސްއާ ބައްދަލުކޮށް އެމްއެސް އެކަޑަމީ ކާމިޔާބުކުރީ 5 ލަނޑުންއެވެ.
ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. ނިއު ސްޓާ އިން 16 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 62 ލަނޑެވެ. ނަމަވެސް ވިއްސާރަވުމުން އަމްޕަޔަރުން ޑީއެލް ބޭނުންކުރުމަށްފަހު ރިވައިސް ހަދަން ޖެހޭ ލަނޑަކީ 16 އޯވަރުގެތެރޭގައި 53 ލަނޑުކަމަށް ކަނޑައެޅިއިރު، ސީބީއެލް އެންމެ ކުޅުންތެރިއެއް ނުބައިވެގެން ފަސް ވަނަ އޯވަރުގައި 56 ލަނޑު ހަދައި މެޗުން މޮޅުވި އެެވެ.
ދެ ވަނަ މެޗުގައި، ގުރުދިމާވުމުން މާލޭ ސްޕޯޓްސް ކްލަބުން ނިންމީ ހޮވާށެވެ. އެ ގޮތުން، 20 އޯވަރު ތެރޭ، އެމްއެސްގެ 6 ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހެދިިއިރު، އެ ޓީމުގެ އިރާންދަ 65 ލަނޑު ހެދި އެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ 20 އޯވަރުހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން 138 ލަނޑެވެ.
ޓީ20 ޕްރިމިއާ ލީގުގެ ކުޅުން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު ކުޅޭ ފުރަތަމެ މެޗުގައި، މިލާނުން އެމްއެސް އެކަޑަމީއާ ކުޅޭއިރު، ދެ ވަނަ މެޗުގައި މާލޭ ސްޕޯޓްސް އިން އޮއްފު އެފްސީއާ ކުޅޭނެ އެވެ.
Comment