Advertisement

ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މި ފަހަރު ވެސް މިލާން ކްރިކެޓް އެކެޑަމީ އަށް

20 ޖުލައި 2024 - 22:10 0


ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މި ފަހަރު ވެސް މިލާން ކްރިކެޓް އެކެޑަމީ އަށް

20 ޖުލައި 2024 - 22:10 0

މޯލްޑިވްސް ކްރިކެޓް ބޯޑުން ކުރިއަށްގެންދިޔަ، ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މި ފަހަރު ވެސް މިލާން ކްރިކެޓް އެކެޑަމީ އިން ހޯދައިފި އެވެ.

މިދިޔަ އަހަރު މިލާނުން ތަށި ހޯދީ، ފަސް ޓީމު ވާދަކުރި ޓީ20 ޕްރިމިއާ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި ފަހަރުގެ މުބާރާތުން މިލާން ތަށި ހޯދީ ހަ ޓީމާ ވާދަކުރި މުބާރާތުގައި ވެސް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ޓީ20 ޕްރިމިއާ ލީގުގައި މިލާނުން ކުޅުނު ފަހު މެޗުގައި، މާލޭ ސްޕޯޓްސް ކްލަބް އަތުން މިލާން މޮޅުވީ އަށް ވިކެޓުންނެވެ. މިލާނަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ އުކާށެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 132 ލަނޑެެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 29 ކަނޑު ހެދި އިޝްއާގް އީސާ މުޒައްމިލް އާއި ހަލީމުއްދީން ފާއިޒް އަހުމަދު އެވެ.

ޖަވާބުގައި ކުޅެން އަރައި، މިލާން ކްރިކެޓް އެކެޑަމީ މޮޅުވީ، 18.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 133 ލަނޑު ހަދައިގެންނެވެ. މިލާން ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 51 ބޯޅައިން 70 ލަނޑު ހެދި ޔޫސުފް އަޒްޔާން އާއި ނުބައިނުވެ، 33 ބޯޅައިން 34 ލަނޑު ހެދި އަހުމަދު ހަސަން އެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދީ، މިލާނަށް 281 ލަނޑު ހަދައިދިން އަޒްޔާން އެވެ. އެންމެ ގިނަ ވިކެޓް ނެގީ، 13 ވިކެޓް ނެގި މިލާން ޓީމުގެ ލީމް ޝަފީގް އެވެ.

މިލާނުން އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ މާލޭ ސްޕޯޓްސް ކްލަބާއި ތިން ވަނަ ހޯދި ސީބީއެލް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނަ ހޯދި ވިޔަންސާ އާއި ފަސް ވަނައިގައި ނިންމި މާލެ ވެޓެރަންސް އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ނެޓް ރަން ރޭޓުން ކުރި ހޯދައިގެން، ޓީ20 ޕްރެޒިޑެންޓްސް ކަޕުން ޖާގަ ހޯދީ ވިޔަންސާ އެެވެ.

ގަދަ ހަތަރު ޓީމު ކުޅޭ ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް މިލާން ކްރިކެޓް އެކެޑަމީ އެވެ.

މި ފަހަރުގެ ޓީ20 ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދިޔައީ، ހުރިހާ މެޗަކުން ބަލިވި އޮއްފު އެފްސީ އެވެ.