Advertisement

ފްލެޓު އެއްބަސްވުންތައް ހަދަނީ ރައީސް ވައުދުވެފައިވާ ގޮތަށް ތަފްސީލު ލިސްޓު އާންމުނުކޮށް، ގިނަ ރައްޔިތުން ވާނުވާގައި!

20 ޖުލައި 2025 - 14:22 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ސައިޓަށް ރައީސް މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން. އެއްބަސްވުންތައް ހަދަން ފަށާފައި މިވަނީ ލިސްޓް އާންމު ނުކޮށް --- ފޮޓޯ: ރައީސް އޮފީސް


ފްލެޓު އެއްބަސްވުންތައް ހަދަނީ ރައީސް ވައުދުވެފައިވާ ގޮތަށް ތަފްސީލު ލިސްޓު އާންމުނުކޮށް، ގިނަ ރައްޔިތުން ވާނުވާގައި!

20 ޖުލައި 2025 - 14:22 3

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ތަފްސީލު ލިސްޓު ނެރޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް އެ ލިސްޓު އާންމު ކުރުމެއް ނެތި ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރިގެން ސޯޝަލް ސެންޓަރުގައި ބޭއްވި "ރައްޔިތުންނާ އެކު ކުރިއަށް" ޖަލްސާގައި ރައީސް މުއިއްޒު ވަނީ ލިސްޓު ނެރޭއިރު ކޮންމެ މީހެއްގެ ނަން ކައިރީގައި ތަފްސީލު އޮންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"އަދަދުތަކާއެކީ، އަޅުގަނޑުމެން ލިސްޓް ނެރޭއިރުގައި، ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ތަފްސީލާއެކީ އަޅުގަނޑުމެން ނެރޭނީ. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަން އަޅުގަނޑުމެން. ކޮންމެ މީހެއްގެ ތަފްސީލު. ހޮވުނުގޮތްވިޔަސް، ނުހޮވުނުގޮތްވިޔަސް އޮންނާނެ،" ކުރީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރެއްވުމަށް ފަހު ނޮވެމްބަރު 17، 2024 ގައި ރައީސް ލައިވް ޓީވީގައި ވިދާޅުވި އެވެ.

އެހެން ވިދާޅުވިތާ 245 ދުވަސް ފާއިތުވެގެންދިޔައިރު ވެސް ތަފްސީލުތައް ހިމެނޭ އެއްވެސް ލިސްޓެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

"ތިޔަ ފަރާތް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނިފައިވާތީ، ފްލެޓު އެއްބަސްވުމުގައި ސޮއިކުރުމަށް ތިޔަ ފަރާތުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ހިއްސާކޮށްފައިވާ ކަމުގައި ދަންނަވަމެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތިޔަ ފަރާތާ މުއާމަލާތް ކުރައްވަމުން ގެންދަވާނެ ކަމުގައި ދަންނަވަން،" ޕޯޓަލްގައި ފެންނަ މެސެޖުގައި ބުނެފައިވެ އެވެ.

އާންމުކޮށް ލިސްޓު ނުނެރު ނަމަވެސް "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް ފްލެޓު ލިބުން ފަރާތްތަކަށް ދަނީ ފްލެޓް ލިބިފައިވާ ކަމަށާއި އެއްބަސްވުން ހަދަން އެފްޑީސީއާ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށް އަންގައިފަ އެވެ. އެކަމުގެ ކަންބޮޑުވުން އާންމުން ގެންދަނީ ފާޅުކުރަމުންނެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަން ދީގެން ކަމަށެވެ.

އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިދިޔަ މަހު ވިދާޅުވީ މިހާރު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، 4،000 ފްލެޓް ހަވާލުކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

ފްލެޓްތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.