Advertisement

މިލިއަނުން ހަރަދުކޮށްގެން ބާއްވާ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ހަރަދުތައް ސިއްރު

20 ޖުލައި 2025 - 12:09 3

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލް އިމާރާތް: މިއީ ހަތް މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް --- ފޮޓޯ: އަތޫފް އާތިފް/އަދަދު


މިލިއަނުން ހަރަދުކޮށްގެން ބާއްވާ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ހަރަދުތައް ސިއްރު

20 ޖުލައި 2025 - 12:09 3

60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ވެލޭނާ އިންޓަނޭޝަނަލް އެެއާޕޯޓު (ވީއައިއޭ) ގޭ އާ ޓާމިނަލް ހުޅުވަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރާ ހަރަދު ހާމަކުރަން އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމުގެ އަޑު ވަނީ އަރާފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ރެކޯޑު މުގުރާލާ ވަރުގެ ޑްރޯން ޝޯއަކާއި ބޮޑު ހަރަދެއްކޮށްގެން ހަވާއެރުވުން ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ނަމަވެސް އެމްއޭސީއެލް އާއި ސަރުކާރުން ވެސް އެ ދުވަހަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފުސީލެއް ނުދެ އެވެ. އެ މައުލޫމާތު ހޯދަން އަދަދު އިން ސުވާލުކުރާތާ އެތައް ދުވަހެއް ވެގެން ދިޔަ އިރު ވެސް އެމްއޭސީއެލްގެ އެއްވެސް އޮފިޝަލަކަށް އެ މައުލޫމާތު ހިއްސާކުރެވޭ ކަމަކަށް ނުވި އެވެ.

އެކިއެކި މަސްދަރުތަކުން ލިބޭ މައުލޫމާތުން އަންދާޒާ ކުރެވެނީ، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 90 މިލިއަނާއި 100 މިލިއަން ރުފިޔާ އާ ދެމެދުގެ ހަރަދެއް ކުރާ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ބޮޑު ހަރަދެއް ކުރާތީ ގިނަ ބަޔެއްގެ، ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ، ފާޑުކިޔުން ބޮޑެވެ. އެމްޑީޕީން ސަރުކާރަށް ފާޑުކިޔާ މައިގަނޑު ސަބަބަކީ ޓާމިނަލްގެ އެއްބައި މަސައްކަތްތައް ނުނިމެނީސް، އެކަމަށް ހަރަދު ނުކޮށް ރަސްމިއްޔާތަކަށް ބޮޑު ހަރަދެއް ކުރާތީ އެވެ.

"އަދި މިއަދު އެއާޕޯޓު އެކުގައި ނުނިންމައި އެއާޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާއިރު އެ ބޭކާރު ހަރަދަށް ވުރެ އެއާޕޯޓު ހަގީގަތުގައި ވެސް އެކުގައި ނިންމުން މާމުހިންމު ނޫންތޯ؟،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި މީގެ ހަފުތާއެއް ވަރު ކުރިން ލިޔުއްވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މިނިވަން ދުވަހު ޓާމިނަލް ހުޅުވާއިރު ބޭނުންކުރަނީ އެއް ބަޔެވެ. އެ ތަނުގައި ހުންނަނީ ވެސް މޯލްޑިވިއަންގެ ކައުންޓަރުތައް އެކަންޏެވެ. މުޅި ޓާމިނަލް އޮޕަރޭޝަނެއް ގެނެވޭނެ ކަމަށް ލަފާކުރަނީ މި އަހަރުގެ ޓޫރިޒަމް ހައި ސީޒަނަށެވެ.

ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި ކުރާނެ ކަމަށް އަޑުއަރާފައިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ޑްރޯން ޝޯއަށެވެ.

މި ޑްރޯން ޝޯއާ ގުޅުވައި އެކި ގޮތްގޮތަށް ވާހަކަތައް އިވެމުން އަންނަ އިރު، އެ ރަސްމިއްޔާތަށް ކުރާ ހަރަދުގެ ބޮޑު ބަޔަކީ މިކަމަށް ހިނގާ ހަރަދު ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި މި ޝޯގެ ތެރެއިން ރައީސްގެ ސޫރަ ފެންނަ ގޮތަށް ޑްރޯންތައް އެތުރިލާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ވީއައިއޭގެ އާ ޓާމިނަލާއެކީ އެ އެއާޕޯޓުން އަހަރަކު ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރުވާނެ އެވެ. އަދި މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފުރާ މީހުންނަށް ދެވޭނެ މަގު ފަހި ވެގެން ދާނެ އެވެ.

ގާތްގަނޑަކަށް ނުވަ އަހަރުން ނިންމި މި ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު މަސައްކަތެވެ. މުޅި މި ޕްރޮޖެކްޓަށް 812 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.