Advertisement

އިގުތިސޯދީ ދުވަލި މަޑުޖެހި، އުފެއްދުންތެރިކަމުގެ އަންދާޒާ 4.5 ޕަސެންޓަށް ދަށްކޮށްފި

20 ޖުލައި 2025 - 11:44 0

އަމަން ހަލީމް

އަމަން ހަލީމް

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


އިގުތިސޯދީ ދުވަލި މަޑުޖެހި، އުފެއްދުންތެރިކަމުގެ އަންދާޒާ 4.5 ޕަސެންޓަށް ދަށްކޮށްފި

20 ޖުލައި 2025 - 11:44 0

އިގުތިސޯދީ ދުވެލި މަޑުޖެހި، ވިޔަފާރިތަކުގެ ހަރަކާތްތެރިކަން ދަށް ވަމުންދާތީ، މި އަހަރު އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ކުރިއަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންދާޒާކުރި މިންވަރު ދަށްކޮށްފި އެވެ.

އެމްއެމްއޭއިން އެންމެ ފަހުން ނެރެފައިވާ ސްޓެޓިސްޓިކްސް ރިޕޯޓުގައި ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައި ވަނީ ބޭސްލައިން ސިނާރިއޯގައި 4.5 ޕަސެންޓެވެ. އަދި އޮލްޓަނޭޓިވް ސިނާރިއޯއެއްގައި ރިއަލް ޖީޑީޕީ ކުރިއަރާނެ ކަަމަށް އަންދާޒާކުރަނީ 5.6 ޕަސެންޓެވެ.

މިދިޔަ މަހު ނެރުނު ތަފާސްހިސާބުތަކުގެ ރިޕޯޓުގައި ދެ ސިނާރިއޯއެއް ދީފައި އޮތަސް، މި އަހަރު ފެށިގެން މެއި މަހާ ހަމައަށް ނެރެފައި ހުރި އެއްވެސް ރިޕޯޓެއްގައި މި ބުނާ ސިނާރިއޯތަކެއް ނެތެވެ. އެ ރިޕޯޓުތަކުގައި އަންދާޒާކުރީ ރިއަލް ޖީޑީޕީ 6.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ.

އެމްއެމްއޭގެ ރިޕޯޓުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އަންދާޒާކުރި ވަރަށް ވުރެ ދެ ސިނާރިއޯގައި ވެސް އުފެއްދުންތެރިކަން ދަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މި އަދަދު މުރާޖައާ ކުރަން ޖެހުނު ސަބަބަކާއި އެ ބުނާ ދެ ސިނާރިއޯއަކީ ކޮބައި ކަމެއް އެ ރިޕޯޓަކުން ނޭނގެ އެވެ.

އުފެއްދުންތެރިކަމުގެ އަންދާޒާ ދަށްކުރުމާއެކީ އަހަރު ނިމޭއިރު ނޮމިނަލް ޖީޑީޕީ ހުންނާނެ ކަމަށް މިހާރު އަންދާޒާކުރަނީ 113 ބިލިއަން ރުފިޔާގަ އެވެ. ކުރިން އަންދާޒާކުރީ ޖުމްލަ އުފެއްދުންތެރިކަން ހުންނަނީ 120 ބިލިއަން ރުފިޔާގައި ކަމަށެވެ.

އެމްއެމްއޭގެ އަންދާޒާތަކަށް ބަދަލު ގެނައުމުން ސުވާލު އުފެދޭ އެއް ސަބަބަކީ، މި ހަފުތާ ބަންދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާ ގޮތަށް ތައްޔާރުވެފައި އޮއްވައި އުފެއްދުންތެރިކަމުގެ އަންދާޒާ ދަށް ކުރުމުންނެވެ.

އާ ޓާމިނަލް ހުޅުވުމުން އިގުތިސޯދަށް "ބޫސްޓެއް" އައިސް، އިގުތިސޯދުގެ މައި ސިނާއަތް ކަމުގައިވާ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މި މަސައްކަތުގައި އުޅުނު ހުރިހާ ސަރުކާރަކުން ވެސް ބުނެފައި ވެ އެވެ. ބޭރުގެ މާލީ އިދާރާތަކުން ވެސް ގަބޫލުކުރަނީ އާ ޓާމިނަލް ހުޅުވުމުގެ ހެޔޮ އަސަރު މުޅި އިގުތިސޯދަށް ކުރާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން، ނަން ނުޖަހާ ގޮތަށް، އަދަދު އާ ވާހަކަ ދެއްކި މާލީ ދާއިރާގެ ފަންނީ ތަޖުރިބާކާރަކު ބުނީ، އެމްއެމްއޭގެ އަންދާޒާތަކަށް ގެނައި ބަދަލާއި އިގުތިސޯދުގެ ހަރަކާތްތެރިކަމާ ގުޅުވާ ސަރުކާރުން ދައްކަމުން އަންނަ ވާހަކައާ ދިމާ ނުވާ ކަމަށެވެ. އެކަމަކު އިގުތިސޯދީ ދުވެލި ވަޒަންކުރާ މުހިންމު ތަފާސްހިސާބުތަކަށް ބެލުމުން، އެ ދަށްކުރުން ގެންނަން ޖެހޭ ސަބަބުތައް ފާހަގަވާ ކަމަށް އޭނާ ބުންޏެވެ.

އިގުތިސޯދީ ދުވަލި ވަޒަންކުރަން ބޭނުންކުރާ އެއް ތަފާސްހިސާބަކީ އިމްޕޯޓެވެ. ރާއްޖެއަކީ ގިނަ ބޭނުންތަކަށް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، އިގުތިސޯދީ ހަރަކާތްތެރިކަމާއި އިމްޕޯޓާ އޮންނަނީ ގުޅިލާމެހިފަ އެވެ. އިގުތިސޯދީ ހަރަކާތްތެރިކަން އިތުރުވާނަމަ، އިމްޕޯޓު ވެސް އިތުރު ވެ އެވެ.

ނަމަވެސް މި އަހަރުގެ ފުރަތަމަ ފަސް މަސް، އެއީ ޖެނުއަރީން ފެށިގެން މެއިގެ ނިޔަލަށް، ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިމްޕޯޓަށް ކުރިއެރުމެއް ނާދެ އެވެ. ވަކިވަކި ދާއިރާތަކަށް ބަލާއިރު، ލަކުޑި އާއި ސިމެންތި އާއި ހިލަ އާއި ހިލަވެލި ފަދަ ބައެއް ސާމާނު އިމްޕޯޓުކުރާ ވަރު ކުޑަކޮށް އިތުރުވީ ނަމަވެސް މެޝީނަރީ އާއި މެކޭނިކަލް ސާމާނުތަކުގެ އިމްޕޯޓު ވަނީ ދަށްވެފަ އެވެ. މިއީ ކޮންސްޓްރަކްޝަނާއި ސިނާއީ ހަރަކާތްތައް މަޑުޖެހެމުން އަންނަ ކަމުގެ އިޝާރާތެކެވެ.

އުފެއްދުންތެރިކަމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ޓޫރިޒަމުންނެވެ. ޓޫރިޒަމް ސިނާއަތުގެ ކުރިއެރުން ވަޒަންކުރަން ބޭނުންކުރާ އެއް ތަފާސްހިސާބަކީ ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު ނުވަތަ ބެޑްނައިޓްސް އެވެ. މި ގޮތުން މި އަހަރުގެ ފުރަތަމަ މެއި މަހުގެ ނިޔަލަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވީ ނަމަވެސް، ބެޑްނައިޓްސް ވަނީ 1.3 ޕަސެންޓު ދަށްވެފަ އެވެ.

ބެޑްނައިޓްސް ދަށްވުމަކީ ދައުލަތުގެ އާމްދަނީއަށް ވެސް ސީދާ ގޮތުން އޭގެ އަސަރު ކުރާ ކަމެކެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުން ގުޅިފައި އޮންނަނީ ޓޫރިސްޓުން އަންނަ އަދަދަށް ވުރެ ޓޫރިސްޓުން ހޭދަކުރާ މުއްދަތަށެވެ. މިހެންކަމުން މި އަހަރު ޓޫރިޒަމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް އާމްދަނީ ނުލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އިގުތިސޯދީ ދުވެލި މަޑުޖެހެން ދިމާވެފައިވާ އަނެއް ސަބަބަކީ، ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުނި ގޮތުގައި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން މަޑުޖައްސާލައި ސަރުކާރުން ބިލުތަކަށް ފައިސާ ނުދިނުމެވެ. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހަރަކާތްތެރިކަން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އުފެއްދުންތެރިކަން މަޑުޖެހޭނެ ކަމަށް އެމްއެމްއޭއިން މި ބުނީ، މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހޯދަން އިންވެސްޓަރުންގެ އިތުބާރު ހޯދަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މިހާރު ވެސް ބޭރުން ފައިސާ ހޯދަން ދަތިވެ، ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒާރަށް ބަރޯސާވާން މަޖުބޫރުވެފައިވާއިރު، މިއާ ގުޅިގެން އިތުރަށް ދަތިވާނެ އެވެ.