Advertisement

ތިންވަނަ މެޗުންވެސް ބަލިވެ، ސިފައިންނާ އެޗްޑީސީއަށް އަމިއްލަ ބާރު ގެއްލިއްޖެ

20 ޖުލައި 2025 - 10:21 0

އެޗްޑީސީ އިން ޒައިކް ވޮލީބޯލް ކްލަބާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ތިންވަނަ މެޗުންވެސް ބަލިވެ، ސިފައިންނާ އެޗްޑީސީއަށް އަމިއްލަ ބާރު ގެއްލިއްޖެ

20 ޖުލައި 2025 - 10:21 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހި ސިފައިންގެ ކްލަބް އާއި ކްލަބް އެޗްޑީސީ އިން ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެ، ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީން ނުކުތީ ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި އެޗްޑީސީ އިން ނުކުތީ، ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބްއާ ދެކޮޅަށެވެ. ދެވަނަ މެޗުން އެޗްޑީސީ ބަލިވީ 3-1 ސެޓުންނެވެ.

އިއްޔެ ހަވީރު އެޗްޑީސީ އިން ނުކުތީ ޒައިކް ވޮލީބޯލް ކްލަބާ ދެކޮޅަށެވެ. މި މެޗުން އެޗްޑީސީ ބަލިވީ ސީދާ ތިން ސެޓުންނެވެ.

އެޗްޑީސީގެ ގިނަ ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދިން އިރު، މެޗުގެ ބޮޑުބައިގައި އެޗްޑީސީގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވެސް ފެނިގެންދިޔައީ ބެންޗުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-11، 25-22 އަދި 25-13 އިންނެވެ.

މީގެ އިތުރުން ރޭ ސިފައިންގެ މައްޗަށް ސްރީލަންކާ ޕޯޓްސް އޮތޯރިޓީ އިން ކުރި ހޯދީ 3-1 ސެޓުންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ސިފައިން ނުކުތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުން ސިފައިން ބަލިވީ 3-2 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ޒައިކް އަތުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގެ ސެޓުތައް ދިޔައީ، 25-20، 25-23، 20-25 އަދި 25-23 އިންނެވެ.

މި މުބާރާތުގެ ހަތަރުވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ސިފައިން ނުކުންނާނީ ބަޝިކްއާ ދެކޮޅަށެވެ. އަދި އެ ދުވަހުގެރޭ އެޗްޑީސީން ނުކުންނާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާ ދެކޮޅަށެވެ.