މަރުކަޒީ ބޭންކުން ޖޫން މަހުގެ ނިޔަލަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުގެ ރިޒާވްގެ ޖުމުލަ އަދަދަކީ 832.4 މިލިއަން ޑޮލަރެވެ. ރާއްޖޭގެ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާފައިވާ 774.5 މިލިޔަން ޑޮލަރު އުނިކުރުމުން ރިޒާވްގައި ބޭނުން ކުރަން ހުރީ 57.9 މިލިއަން ޑޮލަރެވެ. އެހެންވެ ޖުލައި މަހު ނިޔަލަށް ރިޒާވް ބޭންކް އޮފް އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިޔަން ޑޮލަރެއް ނެތްކަން އެނގެ އެވެ.
މިއީ ނުރައްކާތެރި ހާލަތެވެ. މީގެ މާނައަކީ ބަނގުރޫޓު ވެފައި އޮތުމެވެ. ޑޮލަރުގެ ހަމަ އަގަށް އާދެވޭނެ ކޮޅެއް މެދެއް ނުފެނެ އެވެ. ޑޮލަރުގެ އަގު ތާރީހުގައި ދުވަހަކު ވެސް މައްޗަށް ނުދާވަރަށް އުފުލި، ޑޮލަރެއްގެ އަގު 20.20ރ. އަށް އަރާފައި ވާއިރު، ޑޮލަރުގެ އަގު ދެން ވެސް ދާނީ މައްޗަށް ކަމަށް ބެލެވެ އެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވެފައި ވަނީ ޓޫރިޒަމްގެ އޮފް ސީޒަނަށް ވާތީ ކަމަށް ބަޔަކު ގަބޫލު ކުރިޔަށް، ޑޮލަރުގެ އަގު އުފުލޭން ފެށީ ޓޫރިޒަމް ރަނގަޅު ދުވަސްވަރެއްގައި އޮތްވައި ހަނދާން ނެތީ ހެއްޔެވެ؟ އެހެނެވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަ ވިޔަސް، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ދަށަށް ދާނެ ކަމަށް ނުފެނެ އެވެ.
މިހާރު ފެންނަ މަންޒަރުތަކުން ގަބޫލު ކުރެވެނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ގެނައި ފޮރިން އެކްސްޗޭންޖް ގާނޫނުގެ މަގުސަދަކީ ގައުމުގެ އިގުތިސާދީ ދުޅަހެޔޮކަން ކަށަވަރު ކުރުމުގެ ބަދަލުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަތުން ވީހާވެސް، ގިނަ އަދަދެއްގެ ޑޮލަރު ނަައިގެން ސަރުކާރުގެ ބޭކާރު ހަރަދުތައް ދެމެހެއްޓުމެވެ.
ވެރީން އަވަދި ނެތި، ދެއިރު ކާ ބޭހެއްހެން ރާއްޖެއިން ބޭރަށް އެބަ ދެއެވެ. އެއްވެސް ކަމެއް ނުކުރާ އެތައް އެމްބަސީތަކެއްގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. މިލިއަނުން ޑޮލަރުން އެ ކަންކަމަށް އެބަ ހޭދަވެ އެވެ. އެހެންވެ، ފޮރިން އެކްސްޗޭންޖް ގާނޫނު މިވީ ސަރުކާރުގެ ވެރީން ފުއްޖަހައިގެން އެކިއެކި ހަފުލާތައް ބާއްވައި، ރާއްޖޭގެ ބޭރަށް ދަތުރުކުރާންކުރި ކަމަކަށް ތާއެވެ.
އެ ގާނޫނުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނާއި އާންމު ފަރުދުންނަށް ވީ ތުރާލެވެ. ތަކެތީގެ އަގު އުފުލި ރައްޔިތުންގެ ފުދުންތެރިކަން ނެތި ބިކަވަނީ އެވެ. ވިޔަފާރިވެރިން ބޭނުންވާ ޑޮލަރު ނުލިބޭތީ، ބޮޑު އަގުގައި ޑޮލަރު ގަންނަ މަޖުބޫރުވުމުގެ ނަތީޖާއަކީ ވެސް މުދަލުގެ އަގު ބޮޑުވުމެވެ.
މިކަންކަން ހައްލުކުރުމަށް ކުރާންޖެހޭ މަސައްކަތްތައް ކުރުމަށް ރައްޔިތުން ހަވާލުކުރި، ފަރާތްތަކުގެ ޒިންމާ އެބަ ނަގައި ހެއްޔެވެ؟ މިކަން ރައްޔިތުންނަށް ސާފުކޮށް އެބަ ދޭ ހެއްޔެވެ؟
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން "އިންޑިއާ އައުޓު" ޖެހި ޓީޝާޓު ތުރުކުރައްވައިގެން ހުންނެވި ނަމަވެސް އިންޑިއާ އަށް ހުރި ދަރަނިތަކާއި އެހެން ދަރަނިތައް ވެސް ދައްކަން ފަސޭހައެއް ނޫނެވެ. މިކަމުން ސަލާމަތްވާނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އިންޑިއާގެ ވެރިންގެ ފައި ބުޑަށް ތިރިވެ އާދޭސްކުރުމެވެ. ނޫން ނަމަ ބަނގުރޫޓު ވާނެ އެވެ.
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.
Comment