Advertisement

މިދިޔަ ހުކުރު ދުވަހު މާލެއިން ގެއްލުނު ޔާމީން ހޯދަން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖޫ ދިރާސާ ކުރަނީ

18 ޖުލައި 2025 - 20:17 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފުލުހުންގެ މައި އިމާރާތް -- ފޮޓޯ: އަދަދު ފައިލް / އަދަދު


މިދިޔަ ހުކުރު ދުވަހު މާލެއިން ގެއްލުނު ޔާމީން ހޯދަން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖޫ ދިރާސާ ކުރަނީ

18 ޖުލައި 2025 - 20:17 1

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެއިން ގެއްލިގެން ހޯދަމުންދާ ހަސަން ޔާމީން، 30، ގ. ގާނެޓް ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީން ހޯދުމަށްޓަކައި އޭނާ ދިރިއުޅޭ އެޕާޓުމެންޓު ބަލައިފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އެއްވެސް އަމަލެއް އެތަނުގައި ހިނގާފައިވާކަމުގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށެވެ. އަދި އެ އެޕާޓުމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ވެސް ފާހަގަވެފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ޔާމީން ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާކަން ވެސް ތަހުގީގު ޓީމުން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އަދި ޔާމީން ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ޔާމީން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޯމަ ދުވަހު އޭނާގެ އާއިލާގެ ފަރާތުންނެވެ. ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:15 ހާއިރު އޭނާ ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށް އާއިލާއިން ބުނާ ކަމަށެވެ.

ޔާމީން ގެއްލުނު ކަމުގެ ރިޕޯތު ލިބުމާއެކު ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް އެ މައުލޫމާތު ފުލުހުންގެ ހުރިހާ ޑިޕާޓުމެންޓުތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ފުލުުހުން ބުންޏެވެ. އަަދި އެ ވަގުތުން ފެށިގެން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޔާމީންގެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ، ފުލުހުންގެ ހޮޓަލައިން ނަންބަރު، 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު، 9400053 އަކަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން އެދެ އެވެ.