Advertisement

ރާއްޖެ އޮތީ ބިނާކުރަނިވި ވިޔަފާރިތަކަށް މަރުހަބާ ކިޔަން ތައްޔާރަށް: ރައީސް

18 ޖުލައި 2025 - 13:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި ބިޒްނެސް ފޯރަމްގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ރާއްޖެ އޮތީ ބިނާކުރަނިވި ވިޔަފާރިތަކަށް މަރުހަބާ ކިޔަން ތައްޔާރަށް: ރައީސް

18 ޖުލައި 2025 - 13:10 0

ރާއްޖޭގެ ފަސް ދާއިރާއަކަށް އިންވެސްޓު ކުރަން ހުރި ފުރުސަތުތައް ކިޔައިދެއްވައި ރާއްޖެ އޮތީ ބިނާކުރަނިވި ވިޔަފާރިތަކަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވިޔަފާރިތަކަށް މަރުހަބާ ކިޔައި އިނގިރޭސިވިލާތާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ދިވެހީން ތައްޔާރު ކަމަށެވެ.

"ދިވެހިރާއްޖެ އޮތީ ބިނާކުރަނިވި ވިޔަފާރިތަކަށް މަރުހަބާ ކިޔަން ތައްޔާރަށް، އިނގިރޭސިވިލާތާއެކު މި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

އިއްޔެ އޮތް ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ފަސް ދާއިރާއަކުން އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އުފެއްދުންތެރި އިގުތިސާދާއި ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ އިތުރުން މަސްވެރިިކަމާއި ކަނޑާބެހޭ ދާއިރާގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ.

އެ މައުލޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސާދު ކުރިއަރައިދިޔުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނާނީ ޑިޖިޓަލް ކޮންޓެންޓު އުފައްދާ ފަރާތްތަކާއި ޑިޒައިން، މީޑިއާ، ގެމިން އަދި ކަލްޗަރަލް އެންޓަޕްރައިޒް އާއި އާޓްސްގެ ދާއިރާގެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން ޖީޑީޕީގެ 15 ޕަސެންޓު ކްރިއޭޓިވް އިންޑަސްޓްރީތަކުން ހިއްސާ ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެ ދާއިރާއަށް ވެސް އިންވެސްޓު ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވައިފަ އެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އަމާޒު ހިފާފައި ހުރީ 2028 ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތިންބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތިންބައިކުޅަ އެއް ބަޔަކީ އިޔާދަކުރަނިވި ހަކަތައަށް 2028 ގެ ނިޔަލަށް ބަދަލު ކުރުން، މިހާރު އެ އިންސައްތަ ހުރީ އެންމެ ހަތަރު ޕަސެންޓުގައި،" ރައީސް ވިދާޅުވި އެވެ'

އޭގެއިތުރުން ވެސް ރައީސް ވަނީ ދިވެހިރާއްޖެއަކީ ހަމައެކަނި ފަތުރުވެރިން ޒިޔާރަތް ކުރަން އޮތް މަންޒިލެއް ނޫން ކަމަށާއި މިއީ ވިޔަފާރިވެރިންނަށް އިންވެސްޓު ކުރުމުގެ ފަހި މާހައުލެއް އޮތް ރާއްޖެއެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެ ދެ ސިނާއަތް ސިންދަފާތުކޮށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ހަލާލް ޓޫރިޒަމް ތައާރަފު ކުރުމާއި ސްޕޯޓްސް އަދި ވެލްނެސް ޓޫރިޒަމް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އިއްޔެ އޮތް ބިޒްނެސް ފޯރަމްގައި ވަނީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން މާކެޓު ކުރުމަށް "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ހާއްސަ ބްރޭންޑެއް ވެސް ލޯންޗު ކޮށްފަ އެވެ. އެއީ މި ސަރުކާރުން އުފެއްދި އައު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ ދަށުން ހިންގާ ބްރޭންޑެކެވެ.