18 ޖުލައި 2025 - 08:32 0
މުހައްމަދު ޝަހްޒާން
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. -- ފޮޓޯ: އެމްޑީޕީ
18 ޖުލައި 2025 - 08:32 0
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމާއި އެއީ ކަނޑައެޅިގެން އޮޅުވައިލުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކުރީ މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނާ ހިލާފަށް، މައުލޫމާތު ނުދީ ހިފެހެއްޓުމަށް ފަހު މި މަހުގެ 15 ދުވަހުގެ ރޭ ދަންވަރު އެވެ.
އެވަރުން ވެސް ސިޔާސީ މުވައްޒަފުންގެ ތަފުސީލު ލިސްޓެއް، މުސާރައެއް ހާމައެއް ނުކުރެ އެވެ. އަދި ވަކިކޮށްފައިވާ ސިޔާސީން އަދަދާއި ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.
ވަޒީރުން: 20 ވަޒީރުންގެ ފެންވަރުގައި: 14 ސްޓޭޓް މިނިސްޓަރުން: 93 ސްޓޭޓް މިނިސްޓަރުން ފެންވަރުގައި: 7 ޑެޕިއުޓީ މިނިސްޓަރުން: 216 ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި: 20 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 318 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 8 ޕޮލިޓިކަލް ޑިރެކްޓަރުން: 169 ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި: 4 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން: 4 އެހެނިހެން ސިޔާސީ މަގާމުތަކުގައި: 49
[މިއީ] ހަމަ މި ބޭފުޅުން އާންމު އުސޫލުން ހެދި ބޮޑު ދޮގެއް، އޮޅުވާލުމެއް،" އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އަމީރު ވިދާޅުވި އެވެ.
އިއުލާނުކުރި 922 ސިޔާސީ މުވައްޒަފުންގެ ތެރޭގައި މުލިއާގެ، ހިލާލީގެ، ރައީސް އޮފީހާއި ރަށްރަށުގެ ޔޫތު ސެންޓަރުތަކާއި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހިމަނާފައި ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.
"[މި ސަރުކާރުގެ] ސިޔާސީ މުވައްޒަފުންގެ ގޮތުގައި އެބަ ތިބި ގާތްގަނޑަކަށް 2280 މީހުން. އަޅުގަނޑު އެ އަދަދު މި ސަރުކާރުގެ ޑޮކިއުމަންޓުން ފެނިގެން މި ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓު އުނިކުރާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައި ވާތީ، އެ މިންވަރު އުނިކުރި ނަމަވެސް 2030 ސިޔާސީ މުވައްޒަފުން ތިބޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.
މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާފައިވާ އުސޫލުން، އެމްޑީޕީގެ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާނަމަ، 400 އަށް ވެސް ނާރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާފައިވަނީ ރައީސް އޮފީހާއި މުލިއާގެ އާއި ހިލާލީގެ އަދި ސިއްހީ ހިދުމަތް ދޭ ތަންތަނާއި ޔޫތު ސެންޓަރުތަކުގައި ތިބި ސިޔާސީން ވެސް ހިމަނައިގެން ކަމަށާއި އެ އަދަދުތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި ހުންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުގެ ބަޖެޓުތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސަރުކާރުގައި ތިބީ 922 ކަމަށް ބުނި ނަމަވެސް، ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ކުރީ އަހަރުތަކަށް ވުރެ އިތުރުވެފައިވެ އެވެ.
Comment