މެޑްރިޑް (ޖުލައި 17) - ކުރިއަށް އޮތް ސީޒަން ފަށާއިރު، ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް އޮޕަރޭޝަނުގެ ސަބަބުން މެޗުތަކެއް ގެއްލޭނެ ކަމަށް ބުނެފި އެވެ.
މީގެ އަހަރެއް ކުރިން، ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެެޗެއްގެ ތެރެއިން 22 އަހަރުގެ ބެލިންހަމްގެ ކޮނޑުހުޅު ނެއްޓިގެން ލިބުނު އަނިޔާއާ ހެދި އޭގެ ފަހުން އޭނާ އަށް ގިނަ ފަހަރުތަކެއްގެ މަތިން އެ ކަމަށް ފަރުވާ ހޯދަން ޖެހުނެވެ. އެެހެންވެ، އޭނާ، މި ފަހަރު އެ ކޮނޑުގެ އޮޕަރޭޝަނެއް ކުރުމަށް ނިންމައި، ކާމިޔާބު ކަމާ އެކު، އެ ސާޖަރީ ވަނީ ކޮށްފަ އެވެ. އެއާ އެކު، ރެއާލްގެ ޕްރީ ސީޒަނާއި ސީޒަން ފެށިގެން މަދުވެގެން ހަ ހަފްތާ ވަރު ބެލިންހަމް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
ރެއާލްގެ މެޗުތަކުގެ އިތުރުން އިންގްލެންޑުން ސެޕްޓެމްބަރު މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް ބެލިންހަމް ނުފެންނާނެ އެވެ.
ސްޕެނުޝް ލީގުގެ އާ ސީޒަނުގައި ރެއާލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮގަސްޓް މަހު 19 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށެެވެ.
މީގެ އެއް އަހަރު ކުރިން، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް، 130 މިލިއަން ޑޮލަރުގެ ފީ އަކަށް ރެއާލަށް ބަދަލުވި ބެލިންހަމް ވަނީ ފުރަތަމަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކޮށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
Comment