17 ޖުލައި 2025 - 07:10 5
ލީވާން އަލީ ނާސިރު
އަސްކޮއި ކުންފުނީގެ ވެރިޔާ އަދި އެ ކުންފުނިން އުމްރާވެރިންނަށް ފޮނުވި މެސެޖު
17 ޖުލައި 2025 - 07:10 5
އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން މި ފަހަރު ވެސް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާގެ އަޅުކަމަށް ނުގެންދިޔަ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
މި މައްސަލައިގައި އަދަދު ނޫހާ ވާހަކަ ދެއްކި މީހުން ބުނީ އަސްކޮއި ކުންފުނީގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ފުރަން ދީފައިވާ ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އުމްރާ އަށް ދާ މީހުންނަށް އެންމެ ފަހުގެ މައުލޫމާތު ސެޝަން މި މަހުގެ 22 ގައި އަހުމަދިއްޔާ ސްކޫލުގައި ބާއްވާނެކަން ވެސް އަންގާފައިވެ އެވެ.
އުމްރާއަށް ދާ އެންމެންގެ ޕާސްޕޯޓު ވެސް ވަނީ އެ ކުންފުނީގަ އެވެ. ދަތުރުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށާއި އެއާޕޯޓަށް ފުރަންދާންޖެހޭ ގަޑިވެސް އަންގާފައިވާ ކަމަށް އަދަދު ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.
ނަމަވެސް އިއްޔެ އެ ހެނދުނު އެ މީހުންނަށް ލިބުނީ ހިތާމަވެރި ހަބަރެކެވެ.
"ޖުލައި 24 ގައި ފުރަން ތައްޔާރުވި ދަތުރުގެ ބައެއް ބައިވެރިން މި ދުވަސްކޮޅު ދަތުރެއް ކުރިން ރައްކާތެރި ނޫން ކަމަށް ގަބޫލުކޮށް ފަހުގެ ތާރީހަކަށް (ގަލްފުގެ ނުރައްކާތެރިކަން ރަނގަޅު ވުމުން) ލަސްނުކޮށް ދަތުރުކުރަން އެދޭތީ މި ވަގުތު މި ދަތުރު ފަސްކޮށްލުން އެދޭ ވާހަކަ ދެންނެވީމެވެ. ބައެއް ބޭފުޅުންނަށް ގަބޫލު ނުކުރެވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް ރައްކާތެރިކަން މުހިއްމު ވާނެ،" އަސްކޮއިގެ ވެރިޔާ އުމްރާވެރިންނަށް ފޮނުވި މެސެޖުގައިވެ އެވެ.
އެއަށް ފަހު އޭނާ ފޯނު ނިއްވައިލި ގޮތަށް އަދިވެސް ނުގުޅޭ ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.
އުމްރާ އަށް މީހުން ނުގެންދިޔުމަށް އުޒުރެއްގެ ގޮތުގައި މެދުއިރުމަތީގައި ނުރައްކާ ބޮޑުކަމަށް ބުނެ އަސްކޮއި ކުންފުނިން އޮޅުވައިލިއިރު އެފަދަ ހާލަތެއް ނެތެވެ.
މި ޖުލައި މަހު ރާއްޖޭގެ އެހެން ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކު އުމްރާ އަށް ގެންދެ އެވެ.
އަސްކޮއި ކުންފުންޏަށް މި ފަހަރު ފައިސާ ދައްކާފައިވާ ގދ. ތިނަދޫ މީހަކު ބުނީ އޭނާގެ އާއިލާގެ 13 މީހަކު 330,000ރ. ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުން 28 މީހުންގެ އާއިލާއެއް ވެސް އަސްކޮއި އަށް މި ފަހަރު ފައިސާ ދެއްކި. މަދުވެގެން ފަންސާހަކަށް މީހުން ފައިސާ ދައްކާފައި ވާނެ އުމްރާއަށް ދާން،" އޭނާ ބުންޏެވެ.
މި މައްސަލަ މިހާރު ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވެސް ދަނީ މައްސަލަ ބަލަމުންނެވެ.
މި މައްސަލައިގައި އަސްކޮއިގެ ބަހެއް ހޯދަން އަދަދު ނޫހުން ގުނި ނަމަވެސް ފޯނު ނުނަގަ އެވެ.
މިދިޔަ ރޯދަ މަހު ވެސް އަސްކޮއިން މީހުން އުމްރާއަށް ގެންދިޔުމަށް އިސްތިހާރުކޮށް ފައިސާ ނެގުމަށް ފަހު އުމްރާ އަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުނި 130،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.
Comment