Advertisement

ދަރަނީގެ ބޮޑު ޕަސެންޓަކީ ޖީއެމްއާރު އެއްބަސްވުން ބާތިލުކޮށް ނެގި ލޯނުތައް، ޒިންމާ ނަގަން ޖެހޭނީ ޔާމީން: ފައްޔާޒް

16 ޖުލައި 2025 - 13:58 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ


ދަރަނީގެ ބޮޑު ޕަސެންޓަކީ ޖީއެމްއާރު އެއްބަސްވުން ބާތިލުކޮށް ނެގި ލޯނުތައް، ޒިންމާ ނަގަން ޖެހޭނީ ޔާމީން: ފައްޔާޒް

16 ޖުލައި 2025 - 13:58 1

ދިވެހިރާއްޖޭގެ ދަރަނީގެ ބޮޑު ޕަސެންޓަކީ ޖީއެމްއާރު އެއްބަސްވުން ބާތިލުކުރުމަށްފަހު އެއާޕޯޓު ތަރައްގީ ކުރުމުގެ ނަމުގައި ނެގި ލޯނުތައް ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނީ ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް އެތަން ތަރައްގީކޮށް ހިންގަން ކަމަށެވެ.

އެ އެއްބަސްވުން ޕީޕީއެމް ސަރުކާރުން ބާތިލުކޮށް އެއާޕޯޓު ތަރައްގީ ކުރުމުގެ ނަމުގައި ދަރަނި ލޯނު ނަގަން ޔާމީން ނިންމެވީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

"މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން، މިއީ މިހައިތަނަށް ދިވެހިރާއްޖޭގެ ވެރިއަކު ނިންމި އެންމެ ދޯހަޅި ނިންމުން، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެހެން ޒަރީރަތްތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ވެސް ބަންދުވެއްޖެ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުން ބާތިލުކޮށް ދަރަނިތައް ނުނެގި ނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުންނާނީ ހަތަރު މިލިއަނުން މަތީގައި ކަމަށެވެ. އަދި އެ ނިންމުން ނުނިންމި ނަމަ ރާއްޖޭގެ ޖީޑީޕީ ވެސް ދެގުނަ މައްޗަށް ދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ވެރިއަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގުތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ، މިގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ، މިއީ ފްރަންޓޮނޮމިކްސްގެ އިގުތިސާދީ ވިސްނުން،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ނުނިންމައި އެތަން ހުޅުވުމަށް ބޮޑު ހަރަދެއް ސަރުކާރުން ކުރާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލްގެ އާ ހުޅުވުމަށް އެތައް ފައިސާއެއް ހަރަދު ކުރުމުގެ ބަދަލުގައި ޓާމިނަލްގެ ނުނިމި އޮތް ބައި އެއްކޮށް ނިންމުން މާމުހިންމު ކަމަށެވެ. އާ ޓާމިނަލް ހުޅުވަން ސަރުކާރުން ނިންމާފައި ވަނީ މި މަހު 26 ގަ އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެށްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ. އެ ޕްރޮޖެކްޓަށް މިހައިތަނަށް 812 މިލިއަން ޑޮލަރު (12.5 ބިލިއަން ރުފިޔާ) ގެ ދަރަނި ދައުލަތުން ނަގާފައި ވެ އެވެ.

މެއި 22, 2016، ގައި މި މަޝްރޫއުގެ މަސައްކަތް, ސައުދީ އަރަބިއާގެ ބިން ލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކުރި އެވެ. އޭރު އޮތީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. އެއަށް ފަހު އައި އެމްޑީޕީގެ ސަރުކާރުން އެއާޕޯޓް ނިންމަން އަމާޒު ހިފީ 2022 ގެ ނިޔަލަށް އެ މަޝްރޫއު ނިންމުމަށެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.